about 2 hours 0
މުހައްމަދު ޝަހްޒާން
އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ޕީއެންއެފްގެ ޖަލްސާއަށް ކަރަންޓު ދިނުމަށްޓަކައި އެ ސަރަހައްދަށް ގެންދިޔަ ޖެނެރޭޓަރު -- ފޮޓޯ: ޕީއެންއެފް
about 2 hours 0
ޕީއެންއެފް އިން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ރީސެޓު ޖަލްސާއަށް ކަރަންޓު ދޫކުރުމަށް ސްޓެލްކޯއިން ދެކޮޅު ހެދުމުން، އަމިއްލަ ޖެނެރޭޓަރެއް އެ ސަރަހައްދަށް ގެންގޮސް ޖަލްސާއަށް ތައްޔާރުވާން ފަށައިފި އެވެ.
ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގެ ކަރަންޓު ކޭބަލްއަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ މިރޭ އޮންނަ ޖަލްސާއަށް ކަރަންޓު ނުދެވޭނެ ކަމަށް ބުނެފަ އެވެ.
ކަރަންޓު ކޭބަލްއަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ އާޓިފިޝަލް ބީޗުގައި ކޭބަލް ވަޅުލާފައި އޮންނަ ދިމާ ކޮނެ ބޮޑު ކޯރެއް މިހާރު ވަނީ ކަނޑައިފަ އެވެ. އެހެންނަމަވެސް، އެ ތަނުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.
އާޓިފިޝަލް ބީޗުގައި ޖެނެރޭޓަރު ބަހައްޓާފައި
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ސްޓެލްކޯގެ އެ އަމަލަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ޕީއެންއެފްއަށް ޖެއްސުން ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.
"މީގެ ދެ ދުވަސް ކުރިން ވެސް އެތަނުގައި އިވެންޓެއް ބޭއްވި. ނަމަވެސް މިހާރު ސްޓެލްކޯއިން ބުނަނީ ކަރަންޓު ކޭބަލްގެ މައްސަލައެއް ޖެހުނު ކަމަށް. ރަނގަޅުވާނެ ދުވަހެއް ވެސް ނުބުނޭ،" މަލީހު ވިދާޅުވިއެވެ.
މިއީ ޕީއެންއެފްގެ ޖަލްސާއަކަށް ސަރުކާރުން މިގޮތަށް ހުރަސްއެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ވެސް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހެދި އެވެ. އެ ދުވަހު ވެސް އެ ސަރަހައްދަށް ގެނެރޭޓަރެއް ގެންގޮސް ޖަލްސާ ބާއްވަން ކުޑާތަންވެފައި ވަނިކޮށް ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލު ސަރަހައްދު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފަ އެވެ.
އެ ކަންތައްތަކާ ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ.
Comment