Advertisement

ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ރީޑިން ނަގަން ފަށަނީ

15 ފެބުރުވަރީ 2026 - 08:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ރީޑިން ނަގަން ފަށަނީ

15 ފެބުރުވަރީ 2026 - 08:16 0

ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ހެދުމަށް މާދަމާ ރީޑިން ނަގަން ފަށާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ރީޑިން ނެގުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ހޯމަ އަދި އަންގާރަ ދުވަހު ކުރިއަށްގެން ދާއިރު، އަތޮޅުތެރޭގައި ރީޑިން ނެގުމުގެ މަސައްކަތް ކުރިއަށްދާނީ އަންގާރަ ދުވަހު ކަމަށެވެ.

"ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ. މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުން އެދެން،" ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 14، ގައި ޕީއެންސީން މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ވިދާޅުވި އެވެ.

"ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،" މުއިއްޒު ވިދާޅުވި އެވެ.

މިއީ ސްޓެލްކޯއަށް މާލީ ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމެކެވެ. އެހެންވެ، މި ފައިސާ ސަރުކާރުން ސްޓެލްކޯއަށް ދޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ރޯދަ މަހު ވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. އަދި ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.