about 2 hours 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން މާލެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ގަލޮޅު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މާދަމާރޭ ބާއްވަން ތާވަލުކޮށްފި އެވެ.
ގަލޮޅު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުން އޮންނާނީ އިމާދުއްދީން ސްކޫލްގަ އެވެ. އެ ބައްދަލުވުން ފެށޭނީ މާދަމާރޭ 8:30 ގަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ޑިސެމްބަރު 16، 2025 ވާ އަންގާރަ ދުވަހުގެރޭ 8:30 ގައި އިމާދުއްދީން ސްކޫލްގައި އޮންނާނެއެވެ،" ސަރުކާރުގެ ތަރުޖަމާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ގަލޮޅުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް އެ ބައްދަލުވުމަށް ދައުވަތު ދީފައިވެ އެވެ.
މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރައްވަމުން ގެންދަވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލެ ރައްޔިތުންނާ އެވެ. އެ ބައްދަލުވުމަށްފަހު މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ރައްޔިތުންނާ މި މަހު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުންތަކުގައި ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ ފަރާތުން ހިއްސާކޮށްފައިވެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް ރައްޔިތުން ހިއްސާކުރަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ.
އެ ކަންބޮޑުވުންތަކަށް ހުރިހާ ބައްދަލުވުމެއްގައި ވެސް މުއިއްޒު ދެއްވަނީ އެއް ޖަވާބެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްގެން ހުޅުމާލެ ފޭސް ތިނެކާއި ފުށިދިއްގަރު ފަޅު ހިއްކާ ވާހަކަ އެވެ. އަދި ތިން މަހެއްގެ ތެރޭގައި ގިރާވަރު ފަޅު އެއްކޮށް ހިއްކައި ނިންމަނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދަނީ ދެއްވަމުންނެވެ.
Comment