Advertisement

އަހަރު ނިމުމުގެ ކުރިން މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ވެވަޑައިގެންނެވި ވައުދު ނުފުއްދުނު

7 ޖަނަވަރީ 2026 - 14:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވި ގޮތަށް މާލޭގައި އުޅޭ 18 އަހަރު މަތީ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ނުދެވުނު ---- ފޮޓޯ: ރައީސް އޮފީސް


އަހަރު ނިމުމުގެ ކުރިން މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ވެވަޑައިގެންނެވި ވައުދު ނުފުއްދުނު

7 ޖަނަވަރީ 2026 - 14:22 0

މިދިޔަ އަހަރު ނިމުމުގެ ކުރިން މާލޭ ރައްޔިތުންނާއި މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެއް ނުފުއްދުނެވެ.

ޕަބްލިކް ސާވިސް މީޑިއާ އަށް މެއި 31، 2025، ގައި ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުން އެންމެނަށް ވެސް ބޯހިޔާވަހިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ވައުދު ފުއްދުމަށް 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވެހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މިދެންނެވީ މުޅި މާލެ ސަރަހައްދުން ގްރޭޓާ މާލެ އޭރިއާ ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރު ކޮށްދިނުމަށް ހުޅުވާލާނަން،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.

"ހުޅުވާލައި އެ ފަރާތްތައް ކުރިމަތިލައި އެ ފަރާތްތަކަށް ރަސްމީ ގޮތުން އަޅުގަނޑުމެން ކަށަވަރު ކަމުގެ ލިޔުން ދޭނަން އިނގޭތޯ. ލިޔުން ދޭނަން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި. އެއީ ޓާގެޓަކީ."

މުއިއްޒު އިތުރަށް ވިދާޅުވީ އަމާޒަކީ މާލެ ސަރަހައްދުގައި 18 އަހަރުން މަތީގެ އެއްވެސް މީހަކަށް ބޯހިޔާވެހިކަމެއް ކަށަވަރުނުވެ ނެތުން ކަމަށެވެ.

އެ ލިޔުންތައް ދިނުމަށްފަހު ކުރިއަށް އޮތްތަނުގައި މާލެ ސަރަހައްދުގައި އަދި ރަސްމާލޭގައި ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފުލެޓާއި ގޯތި އެ މީހުންނަށް ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން މިފަދަ ބޯހިޔާވަހިކަމުގެ ފުރުސަތެއް ހުޅުވައެއް ނުލަ އެވެ. މާލޭގައި އުޅޭ 18 އަހަރުން މަތީގެ އެއްވެސް މީހަކަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން، އަދި އެ މީހަކަށް ފުލެޓާއި ގޯތި ލިބޭނެ ތަނެއްގެ ތަފުސީލު އޮތް އެއްވެސް ލިޔުމެއް ދޫކޮށްފައެއް ވެސް ނުވެ އެވެ.

މެއި 31، 2025، ގައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވަނީ މިދިޔަ އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ހިއްކާ ނިމުނީ ރަސްމާލޭގެ އެންމެ ސައިޓެކެވެ. އެ ސަރަހައްދު ހިއްކާ ނިމޭނެ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

ހިއްކާ ނުނިމި އޮތް ރަސްމާލެއިން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މުއިއްޒު މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވިދާޅުވި އެވެ. އެ ފުރުސަތު މި މަހު ހުޅުވާލާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކޮށް، މި ދައުރުގެ ތެރޭގައި ހުރިހާ އެންމެންނަށް ބޯހިޔާވެހިކަން ހަމަޖައްސައިދިނުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދު ފުއްދުމަށް މާލެ ސަރަހައްދާއި އަތޮޅު ތެރޭ މަޝްރޫއުތައް ހިއްކަން ވައުދުވެ ބައެއް މަޝްރޫއުތައް ހަވާލުކުރި ނަމަވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މިހާތަނަށް ނިންމާފައެއް ނުވެ އެވެ.