about 20 hours 0
ލީވާން އަލީ ނާސިރު
ރައީސް މުހައްމަދު މުއިއްޒު ބުރުންޏަށް ވަޑައިގެން ބިންގާ އެޅުއްވި ފިޓްނަސް ސެންޓަރުގެ ބިންގާ -- ފޮޓޯ: އަދަދު
about 20 hours 0
ތ. ބުރުނީގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އުމުރާނީ ތަރައްގީއާއި، ތައުލީމާއި ސިއްހީ ދާއިރާއިން ބުރުނީގައި ކުރިއަށްގެންދަން ހުރި މަޝްރޫއުތަކުގެ މަސައްކަތް ރޭވިފައިވާ ގޮތަށް، އަދި ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ސެޕްޓެމްބަރު 2025 ގައި އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިޔަސް ތަރައްގީގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ.
ބުރުނިން "އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ވެސް ބޮޑުބައި ވަނީ ނިމިފައެވެ. އިމާރާތުގައި ކުލަލައި، ވަޔަރިން ނިންމައި، ބޭނުންވާ ފަރުނީޗަރު ވެސް ވަނީ ވައްދާފައެވެ.
ބުރުނީ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފެން ޕްލާންޓު
ނަމަވެސް، މަސައްކަތް އެއްކޮށް ނިންމާލުމަށް ބޭނުންވާ އޭސީ ހަރުކުރުމުގެ މަސައްކަތް ނުކުރެވި، މަޝްރޫއު ހުއްޓިފައި އޮންނާތާ ހަމަސް ދުވަސް ވެއްޖެއެވެ.
"ގާތްގަނޑަކަށް އިމާރާތް އެއްކޮށް ނިމިފައި ހުރީ. އެކަމަކު ކޮންޓްރެކްޓަރަށް ސަރުކާރުން ފައިސާ ނުދޭތީ މަސައްކަތް ހުއްޓިފައި އެ ހުރީ،" ބުރުނީން ވާހަކަ ދެއްކި މީހަކު ކަންބޮޑުވުމާއެކު ބުންޏެވެ.
ރަށުގެ ފެން ޕްލާންޓްގެ މަސައްކަތުގެ 90 ޕަސެންޓު ނިމި، ފެން ދޫކުރުމުގެ މަރުހަލާއާ ގާތްވެފައި ވަނިކޮށް، އެ މަސައްކަތް ހުއްޓުނީ ސަރުކާރާއި ކޮންޓްރެކްޓަރާ ދެމެދު ޖެހިފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.
"އަލުން މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގޭ. ފައިސާ ނުލިބިގެން އެ މަސައްކަތް ވެސް ހުއްޓިފައި އޮތީ،" ބުރުނިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެން ޕްލާންޓު ބެހެއްޓުމަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއިރު، އެތަނުގެ ގޯތިތެރޭގައި މިހާރު ވަނީ ވިނަ އާއި ގަސް ބޯވެފަ އެވެ.
ބުރުނީ ގިރަމުންދާ ސަރަހައްދު -- ފޮޓޯ: އަދަދު
ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު، ކުރިއަށްގެންދަން ނިންމާފައިވަނީ، ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން، ފަރުމަސްވެރިކަން ކުރުމަށް ފާލަމެއް ހިމަނައިގެން ކަމަށް ސެޕްޓެމްބަރު 2025 ގައި ބުރުންޏަށް ވަޑައިގެން މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެ ވިދާޅުވި ތޮށިގަނޑު ލުމުގެ މަސައްކަތް ހަތަރު މަސް ވެގެން ދިޔައިރު ވެސް ނުފެއްޓޭއިރު، ކުރިން ފެށިގެން ގިނަމުންދާ ސަރަހައްދަށް ހިޔާތެއް ވެސް ނެތެވެ.
"މި މަސައްކަތް ފެށީ އެމްޑީޕީގެ ވެރިކަމުގައި. ނަމަވެސް ރަށް ގިރުމުގެ މައްސަލަ ހައްލެއް ނުވޭ. މިހާރު ހަތް ފަހަރު މަތިން އެ ސަރަހައްދަށް ވެލި އަޅައިފި. އެކަމަކު ގިނާލައިގެން ދަނީ. ގުދުރަތީގޮތުން އެ ސަރަހައްދަށް ވެލި ޖަމައެއް ނުވޭ،" ބުރުނިން ވާހަކަ ދެއްކި އެކަކު ބުންޏެވެ.
ބުރުނީ އައުޓުޑޯ ޖިމްގެ ބިންގާ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެޅިފަހުން އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދޭ. -- ފޮޓޯ: އަދަދު
ބުރުނިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި މި ސަރުކާރުން އެރަށުގައި ބިންގާ އެޅި ފިޓްނަސް ސެންޓަރާއި، 50 ދުވަސް ތެރޭ ނިންމުމަށް އިއުލާންކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ. އައުޓްޑޯ ޖިމް އަޅާ ސަރަހައްދުގައި ކަޅުދާ ޖަހާފައި ހުރުން ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނެތެވެ.
ބުރުނީ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ހަވާލުކުރީ ވެސް ރައީސްގެ ދަތުރުގަ އެވެ. ނަމަވެސް އަދިވެސް އެއީ ބޯކޮށް ގަސްހެދިފައި އޮތް ސަރަހައްދެކެވެ.
މި މަޝްރޫއުތައް ހުއްޓިފައި ވާއިރު، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންމެ ހައިމާކެއް ބޭނުން ކޮށްގެންނެވެ.
ރައީސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓުން ބުރުނީގައި 30 ހައުސިން ޔުނިޓު އެޅުން ހިމެނެ އެވެ.
ތިޔަ ރަށުގެ ތަރައްގީ މަޝްރޫއުތައް ހުރީ ހުއްޓިފައިތަ؟ އެފަދަ މަޝްރޫއުތަކުގެ ފޮޓޯ، ވޯޑިއޯ ހިއްސާކޮށް ދޭށެވެ. ފޮނުވާނީ އަދަދު ނޫހުގެ އީމެއިލް ([email protected]) އަށް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ޑައިރެކްޓު މެސެޖެއް ފޮނުވާށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment