Advertisement

އިހުތިޖާޖުގައި 49 އޮޑި، މަސްވެރިން ބުނަނީ ސަރުކާރުން ވައުދު ނުފުއްދާނަމަ މަސްދުވަސްވިޔަސް ނުފުރާނެ ކަމަށް

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އިޖުތިޖާޖުގައި ބައިވެރިވާ ދޯނިތަކެއް -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


އިހުތިޖާޖުގައި 49 އޮޑި، މަސްވެރިން ބުނަނީ ސަރުކާރުން ވައުދު ނުފުއްދާނަމަ މަސްދުވަސްވިޔަސް ނުފުރާނެ ކަމަށް

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދަން ނިންމާފައިވާ މަސްވެރިންގެ އިހުތިޖާޖު ފަށައިފި އެވެ.

މަސްވެރިންގެ އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވެ އެވެ. އެ އިހުތިޖާޖު ކުރަނީ މިއަދު ހެނދުނު 9:30 ފެށިގެން ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ.

މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް:

  • ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން
  • ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުން

މަސްވެރިންގެ މުޒާހަރާގައި ޝުއޫރު ފާޅުކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ގައި ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކޮށް އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލާ ކަމަށެވެ.

"އެގޮތުން މި ސަރުކާރުން ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ޖެހި ބޮޑު ކަންނެލި މަސްވެރިންނަށްވެފައި ހުރި ބައިވަރު ވައުދުތަކެއް އެބަހުރި، ހަގީގަތަކީ މި އިންޑަސްޓްރީގެ ހާލަތު މިއޮތީ އަހަރަކަށްވުރެ އަހަރެއް ދަށްވެފައި،" ނަޝީދު ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު އަޅުގަނޑުމެން ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވަން، އެ ވައުދު ފުއްދައިދޭން."

މިއަދުގެ އިޖުތިޖާޖުގައި ބައިވެރިވާ މަސްވެރިއަކު އަދަދު އަށް ބުނީ ބޮޑު ކަންނެލީގެ މަސްވެރިން މިއަދު މި ކުރާ ޑިމާންޑުތަކަކީ ހަގީގަތުގައި މަސްވެރިން އަމިއްލައަށް ކުރާ ޑިމާންޑުތަކެއް ނޫން ކަމަށެވެ. ނަމަވެސް، އެ ކަންކަން ކޮށްދިނުމަށް އެދި މަސްވެރިން އާދޭސް ކުރަމުން ދަނީ މި ސަރުކާރުން އެ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ މެނިފެސްޓޯގައި އެ ވައުދުތައް ފުއްދީމާ ކަމަށެވެ.

"އެހެންވީމާ އެ ކަންކަން އެގޮތަށް ނުވާހައި ހިނދަކު ދެން މި ތިބީ ކެޔޮޅުންނާއި އޮޑިވެރިންނާއި ފަޅުވެރިން މިކަން ހުއްޓާ ނުލާ ގޮތަށް، އެ ހެޔޮ އެއް މަސްވިޔަސް، އެ މަސްދުވަސްވިޔަސް ހުއްޓާނުލާނަން، ސަރުކާރުން އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް، އަޅުގަނޑުމެން ވެސް ގަބޫލު ކުރާކަހަލަ ޖަވާބެއް އަޅުގަނޑުމެންނަށް ދޭން ޖެހޭނީ،" އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.