Advertisement

"ކުރީ ސަރުކާރުން" ފެށި މަސްވެރިކަމުގެ މަޝްރޫއުތައް ނިންމަން ސޯލިހުގެ އިލްތިމާސެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: މަސްވެރިކަމުގެ މަޝްރޫއުތައް ނިންމުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް


"ކުރީ ސަރުކާރުން" ފެށި މަސްވެރިކަމުގެ މަޝްރޫއުތައް ނިންމަން ސޯލިހުގެ އިލްތިމާސެއް

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ފެށި މަސްވެރިކަމުގެ މަޝްރޫއުތައް ނިންމަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ސޯލިހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ނިމިދިޔަ ވެރިކަމުގައި ފެށި ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިގޮތުން ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްނުކޮށް ނިންމުމަށް ސޯލިހު ވަނީ މި ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. ސޯލިހު ވިދާޅުވީ އެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ކަންކަމަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރަން. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއް،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ދަންނަވާފަ އެވެ.

މިއަހަރުގެ މަސްވެެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގައި މިއަދު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގައި އެއްވުމެއް ފަށާފަ އެވެ. އެ އެއްވުމުގައި ގިނަ އަދަދެއްގެ އޮޑިދޯނިފަހަރުގައި މަސްވެރިން ވަނީ ބައިވެރިވެފަ އެވެ.

މަސްވެރިންގެ އެ އެއްވުމުގައި ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި، މަސްވެރިންގެ ޝުއޫރު ފާޅުކޮށް މަސްވެރިންގެ ހައްގުގައި ދަނީ އަޑު އުފުލަމުންނެވެ.