9 ޑިސެންބަރު 2025 - 10:22 3
މުހައްމަދު ޝަހްޒާން
މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށް ބާއްވާ އެއްވުމަށް ތައްޔާރުވަނީ -- ފޮޓޯ: އަދަދު
9 ޑިސެންބަރު 2025 - 10:22 3
މިއަހަރުގެ މަސްވެެރިންގެ ދުވަހާ ގުޅުވައި "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގައި މާދަމާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ބާއްވާ އެ އެއްވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ. މާދަމާގެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ އޮޑިދޯނިފަހަރު އެ ސަރަހައްދުގައި މިހާރު ވެސް ވަނީ އަޅައިފަ އެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި މާދަމާގެ އެއްވުން ފަށާނީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަހަރީ އާންމު ޖަލްސާއަށް ފަހު އެވެ. މަސްވެރިންގެ އެއްވުމުގައި ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލުމާއި މަސްވެރިންގެ ޝުއޫރު ފާޅުކުރުމުގެ އިތުރުން މަސްވެރިންގެ ހައްގުގައި އަޑުއުފުލައި އިޖުތިޖާޖު ކުރުން ހިމެނޭ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެއިތުރުން، ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދިނުމާއި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މުއިއްޒުއަށް ވެރިކަން ދިނީ މަސްވެރިންގެ ވެސް ބޮޑު ތާއީދަކާއެކު ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ކުރި މަސައްކަތްތަކުން މަސްވެރިންނަށް އެއްވެސް އަލިމަގެއް ހޯދިފައި ނުވާ ކަމަށް ވެސް އެ ޔޫނިއަނުން ބުންޏެވެ.
މަސްވެރިންގެ އެއްވުން މާދަމާ ފަށާނެ ވަގުތެއް އަދި އެ ޔޫނިއަނުން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment