Advertisement

"މަހަ މަންފާ" ގެ ނަމުގައި އައު ފައިނޭންސިން ސްކީމެއް ތައާރަފު ކޮށްފި


"މަހަ މަންފާ" ގެ ނަމުގައި އައު ފައިނޭންސިން ސްކީމެއް ތައާރަފު ކޮށްފި

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް "މަހަ މަންފާ" ގެ ނަމުގައި އައު ފައިނޭންސިން ސްކީމެއް ތައާރަފު ކޮށްފި އެވެ.

މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000ރ. އާއި 400,000ރ. އާ ދެމެދުގެ ފައިނޭންސިން ފޯރުކޮށްދޭ މި ސްކީމަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވެ އެވެ.

މި ލޯނު އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަތް އަހަރު ދުވަސް ލިބޭއިރު، އެ ފައިނޭންސިން ދޫކުރަނީ އަހަރަކަށް ހަ ޕަސެންޓު އިންޓްރެސްޓު ރޭޓުގަ އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މި ސްކީމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށައި މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ." އޭނާ ވިދާޅުވި އެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް މި ސްކީމް ތައާރަފްކުރީ މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސްކީމުގެ ދަށުން ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފަ އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި، މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މާލީ އެހީ ލިބޭނެ،" އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ފަރުމަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް ގިނަ ބަޔަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.