Advertisement

ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ގާނޫނީ އަސާސެއް ނެތް: އަބްދުالله ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު އަބްދުالله ދީދީ -- ފޮޓޯ: ސޯޝަލްމީޑިއާ


ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ގާނޫނީ އަސާސެއް ނެތް: އަބްދުالله ދީދީ

ނިސްބަތްވާ ސިޔާސީ ޕާޓީ އަސާސަކަށް ނުބަލައި އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރިކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި އަހުމަދު އަބްދުالله ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އަމަލުކުރާ އިންތިހާބީ ނިޒާމަކީ ފަރުދީ އިންތިހާބީ ނިޒާމު ކަމަށެވެ. އަދި އެ ނިޒާމުގެ ދަށުން އިންތިހާބު ކުރަނީ ވެސް ކޮންމެ ދާއިރާއަކުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނިޒާމުގެ ދަށުން ރައްޔިތުން ވޯޓު ދިނުމުގައި ކެންޑިޑޭޓު އިހުތިޔާރު ކުރަނީ މައިގަނޑުގޮތަކަށް ޝަހުސީ އަސާސްތަކެއްގެ މައްޗަށެވެ. ކެންޑިޑޭޓު ތަބާވާ ޕާޓީ އަސާސަކަށް ބަލައިގެނެއް ނޫނެވެ. އެއާ ހިލާފަށް، ޕާޓީ އަސާސަކަށް ބަލައިގެން މެންބަރުން އިންތިހާބު ކުރާ ނިޒާމަކީ ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓުދޭ ނިޒާމެވެ،" އަހުމަދު އަބްދުالله ލިޔުއްވާފައިވެ އެވެ.

ދެ ނިޒާމުގެ ތަފާތު ބަޔާން ކުރެއްވުމަށްފަހު އަހުމަދު އަބްދުالله ލިޔުއްވާފައި ވަނީ ރާއްޖޭގައި އަމަލުކުރާ އިންތިހާބީ ނިޒާމުގެ ދަށުން ރައްޔިތުން ވޯޓު ދެނީ ޕާޓީ އަސާސަކަށް ބަލައިގެން ކަމުގައި ނުވާއިރު، ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ލިބެންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އަދި، ޕާޓީން ހުށަހަޅާ ލިސްޓަށް ވޯޓު ދީގެން މެންބަރުން އިންތިހާބުކުރާ ގައުމުތަކުގައި ވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ނެގުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި ކުރާ ކަމެއް ނޫން ކަމަށް އަހުމަދު އަބްދުالله ލިޔުއްވާފައިވެ އެވެ.

އަހުމަދު އަބްދުالله އެހެން ވިދާޅުވެ ޕޯސްޓެއް ކުރެއްވީ، ރޭ ހެންވޭރު ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނެ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުވުމުގެ ނިޔަތުގައި ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުން ހޮވާފައި މި ތިބެނީ ވަކި ގޮތަކަށް، ވަކި ޕާޓީއަކުން ކުރިމަތިލީމަ ވޯޓު ދިނީ، މިނިވަންކޮށް ކުރިމަތިލީމަ ވޯޓު ދެނީ މިސާލަކަށް. އެ ބަދަލު ގެންނަންޏާ އެއީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކުރާ ކަމަކަށް ވާތީ އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުވުމަށް ގެނައި ބަދަލެއް،" މުއިއްޒު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ ނޮވެމްބަރު 20، 2024 ގަ އެވެ.

އެ ބަދަލުގައި މެންބަރަކު ޕާޓީން ވަކިވެއްޖެނަމަ، ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ގާނޫނުގެ ދަށުން ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަވެސް ގޮނޑި ގެއްލެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ބ.


1. ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. 2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. 3. އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.