Advertisement

މަސާޖު ޕާލާތައް ބަންދުކުރަން ގޮވާލި ގޮވައިލުމަށް މުއިއްޒުު ޖަވާބެއް ނުދެއްވި

ރާއްޖޭގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރުމަށް ގޮވާލައި ވާހަކަދެއްކި ހެންވޭރުގެ ރައްޔިތެއް -- ފޮޓޯ: ސްނެޕްޝޮޓު


މަސާޖު ޕާލާތައް ބަންދުކުރަން ގޮވާލި ގޮވައިލުމަށް މުއިއްޒުު ޖަވާބެއް ނުދެއްވި

ރާއްޖޭގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރުމަށް ހެންވޭރުގެ ރައްޔިތަކު ގޮވާލި ގޮވައިލުމަށް އެއްވެސް ޖަވާބެއް ނުދެއްވައި ރޭ ބޭއްވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ކަންބޮޑުވުން ފާޅުކުރި ހެންވޭރުގެ ރައްޔިތަކު ބުނީ ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މި ގައުމު މުއްސަނދި ވާނެ ގޮތަކީ ރާއްޖޭގައި ހިންގާ މަސާޖުޕާލާތައް ވަގުތުން ވަގުތަށް ބަންދުކުރުން ކަމަށެވެ.

"ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މި ގައުމު މުއްސަނދިވާނެ އެންމެ ގޮތެއް އޮތީ، އެ މުއްސަނދިކަމަކީ މި ތަނުގެ މަސާޖުޕާލާތައް ބަންދުކުރަންވީ މިހާރުން މިހާރަށް، މިހާރުން މިހާރަށް ރައީސް ބަންދުކުރައްވާ، ހެޔޮނުވާނެ. الله ގެ ކޯފާއެއް އައިސްފާނެ މި ތަނަށް،" ޔާސިރު ބުންޏެވެ.

އޭނާ ބުނީ ގިނަ ބަޔަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މަސާޖުޕާލާތަކަށް ހަރަދުކުރާ ކަމަށެވެ. ނަމަވެސް މަސާޖުޕާލާތައް ހިންގަމުން ދަނީ އެއްވެސް އިދާރާއަކުން އެކަން ކުރުމުގެ ހުއްދަ ދީގެން ނޫން ކަމަށް ޔާސިރު ބުންޏެވެ.

"މި ތަނުގައި ބުނެބަލަ އެއްވެސް މީހަކު ހުއްދަ ދިން މީހެއް، ގާނޫނީ ހުވާކޮށްގެން އެ ތިބީ الله ދެކެ ބިރުނުގަންނަ މީހުން، ހެޔޮނުވާނެއެއްނު؟ 40 އަހަރު މިވީ، މިރެއިން މިރެއަށް މަސާޖުޕާލާތައް ބަންދުކުރަން އެބަޖެހޭ، އެ ތަނުގެ އިންކަމް އެ ހުރީ މި ބުނީ މީރާއަށްވުރެ ގިނަ އެ ތަނުގެ އިންކަމް،" ޔާސިރު ބުންޏެވެ.

އޭނާ އެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ދެއްކެވި ވާހަކައިގައި މުއިއްޒު އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އެހެންނަމަވެސް، ރޭގެ ބައްދަލުވުމުގައި އެކި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ވަކިވަކީން މުއިއްޒު ޖަވާބުދެއްވި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓު 24، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާތައް ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށާއި މަސާޖުޕާލާ ގޮތަށް ހިންގާ ތަނެއް ދެން ފާހަގަކުރެވިއްޖެ ނަމަ ބަންދު ކުރާނެ ކަމަށެވެ.

އިހުސާން އެހެން ވިދާޅުވި ނަމަވެސް، މާލޭގަ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް މަސާޖު ޕާލާތައް ހިންގަމުންދެ އެވެ. އަދި، އެތަންތަނަށް ދޭތެރެދޭތެރެއިން ފުލުހުން ވަދެ، ހަށިވިއްކާ ކަމުގެ ތުހުމަތުގައި މީހުން ވެސް ހައްޔަރު ކުރެ އެވެ. ނަމަވެސް އެއިން އެއްވެސް ތަނެއް، ހިންގަނީ ރެޖިސްޓަރީ ނުކޮށް ކަމަށް ބުނެ ބަންދެއް ނުކުރެ އެވެ.