Advertisement

ހުލާސާކޮށް އިއްޔެ: ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން މުއިއްޒަށް ކެރިވަޑައިނުގަތް

3 މާރިޗު 2026 - 07:59 0

ރައީސް މުހައްމަދު މުއިއްޒު އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން މުއިއްޒަށް ކެރިވަޑައިނުގަތް

3 މާރިޗު 2026 - 07:59 0

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރިކުރަން ރައީސް މުހައްމަދު މުއިއްޒު އިއްޔެ އިންކާރު ކުރެއްވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޚާމަނާއީ އަވަހާރިކޮށްލި މައްސަލައިގައި ދިވެހި ސަރުކާރު ހިމޭނުން އޮތީ ކީއްވެތޯ އާއި އެކަން ކުށްވެރި ނުކުރައްވާނެތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އިންކާރު ކުރައްވައި އެމަނިކުފާނު ވާހަކަދެއްކެވީ މުޅީން އެހެން މައުލޫއެއްގަ އެވެ.

"މި ހަނގުރާމައިގައި ހަމަ މަރުވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ސުވާލެއް،" ޚާމަނާއީ އަވަހާރަވުމަކީ ހިތާމައެއްތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް އިންކާރުކޮށް މުއިއްޒު ވިދާޅުވި އެވެ.

ޚާމަނާއީ އަވަހާރަކޮށްލުމުން ދިވެހި ސަރުކާރުން ތައުޒިޔާ ނުކިޔަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެކަމާ ގުޅިގެން ތައުޒިޔާ މެސެޖެއް ނުފޮއްނުވާނެކަމަށް ވިދާޅުނުވާ ކަމަށެވެ. އެއަށްފަހު ވިދާޅުވީ މެދުއިރުމަތީގެ އެހެން އަރަބި ގައުމުތަކާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން ތައުޒިއްޔާގެ މެސެޖެއް ނުފޮނުއްވާނަމެކޭ، އަޅުގަނޑު ދެންނެވީ އަރަބި އިސްލާމީ ގައުމުތަކާ އެކީގައޭ މި ސަރުކާރުން މަސައްކަތް ކުރަމުން މި ދަނީ، އަރަަބި އިސްލާމީ ގައުމުތައް އެއް ބްލޮކެއް ގޮތުގައި އެއް ޔުނިޓެއްގެ ގޮތުގައި މި ކަމުގައި މަސައްކަތް ކުރަމުން ދަނީ، އެހެންވީމާ އެ ޔުނިޓީ އަޅުގަނޑުމެން ހިފަހައްޓާނަން، ތައުޒިއްޔާގެ މެސެޖު ނުފޮނުވާނަމެކޭ އަޅުގަނޑު ނުދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެއަށްފަހު އެހެން ނޫސްވެރިއަކު ވަނީ ސާފު ބަހުން ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން ކެރިވަޑައިގަންނަވާނެތޯ އެމަނިކުފާނާ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެކަން ކުރަން ކެރިވަޑައިގަންނަވާނޭ ކަމަށެވެ. އެހެންނަމަވެސް، އެކަން ކުށްވެރި ކުރެވޭނީ އަރަބި އިސްލާމީ ގައުމުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނީ، އަރަބި އިސްލާމީ ގައުމުތައް އެއް ބްލޮކެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، ދިވެހިރާއްޖެއާ ސިޔާސީ ގުޅުން އޮންނަ ގައުމުތަކުގެ އިސްވެރިން އަވަހާރަވުމުން އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފައި އޮވެ އެވެ. އެ ގަވާއިދުގައި އޮންނަނީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަވަހާރަވެެއްޖެ ނަމަ، އެއް ދުވަސް ސަރުކާރު ބަންދުކޮށް، ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށެވެ. އެ ގަވާއިދުގައި އޮންނަަ ގޮތުން އެގޮތަށް އަމަލު ކުރަން އަންގަން ޖެހޭނީ ރައީސް އޮފީހުންނެވެ.

މުހިއްމު ބައެއް ހަބަރު