Advertisement

އެތައް ކަންބޮޑުވުމަކާއެކު ރައްޔިތަކު މުއިއްޒުއަށް؛ ތިޔަ ހުރެވުނީ ރައްޔިތުންގެ ފަޅިއަކު ނޫން!

ހެންވޭރު ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހެންވޭރުގެ ރައްޔިތަކު ޝުއޫރު ފާޅުކުރަނީ -- ފޮޓޯ: ސްނެޕްޝޮޓް


އެތައް ކަންބޮޑުވުމަކާއެކު ރައްޔިތަކު މުއިއްޒުއަށް؛ ތިޔަ ހުރެވުނީ ރައްޔިތުންގެ ފަޅިއަކު ނޫން!

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަމަލު ކުރައްވަމުން ގެންދަވާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެމަނިކުފާނަށް ހުންނެވުނީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށް ބުނެ ހެންވޭރުގެ ރައްޔިތެއްގެ ނުރުހުމުގެ ޝުއޫރު ސަރުކާރަށް ފާޅުކޮށްފި އެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރަން މުއިއްޒު މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ޝުއޫރު ފާޅުކުރަމުން، ހެންވޭރަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ހަލީމަތު ޒުހައިރާ ބުނީ މުއިއްޒު ބާއްވާ ކޮންމެ ޖަލްސާއެއްގައި ވެސް އެމަނިކުފާނު ހުންނަވަނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް ކަން ކުރައްވަނީ ރައްޔިތުންގެ ބަހެއް ނެތި ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު ބައްލަވާ، އަޅުގަނޑުމެން ވޯޓުލައިގެން އިންތިހާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އަޅުގަނޑުމެންގެ ހިޔާލެއް މަޝްވަރާއެއް ނުހޯއްދަވާ. އަޅުގަނޑުމެންގެ ދާއިރާ މެންބަރުގެ މެންބަރުކަން ގެއްލުވާލުމުގެ ބާރު މަނިކުފާނުގެ އަތްޕުޅަށް ނެންގެވިއިރު، ހަމަ ޔަގީނުން ވެސް ދާއިރާގެ ރައްޔިތުންގެ ހިޔާލެއް ނުހޯއްދަވާ. ކޮބައިތޯ ރައްޔިތުންގެ ބާރު؟ ކޮބައިތޯ ރައްޔިތުންގެ ހިޔާލު؟،" ހަލީމަތު ބުންޏެވެ.

ދިން ތަނަކުން ދިން ގޮތަކަށް ގޯއްޗާއި ފްލެޓު ދިނުމަކީ މުއިއްޒުގެ ރިޔާސީ ވައުދެއް ނަމަވެސް، ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް އެކި ފަހަރުމަތިން މި ސަރުކާރުން ބަދަލު ގެނެސްފި ކަމަށެވެ. އެ ބަދަލާއެކު ގޯތިތައް ލިބިފައިވާ ތަންތަނަށް ބަދަލު އައިސްފައިވާކަން ފާހަގަކޮށް ހަލީމަތު ބުނީ އެކަން ކުރިއިރު، ރައްޔިތުންގެ ހިޔާލެއް ނުހޯދާ ކަމަށެވެ.

އޭގެއިތުރުން، މިދިޔަ 15 އަހަރު ދުވަހު ވެސް ހިންގަމުންދިޔަ ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވައިލިއިރު ވެސް ރައްޔިތުންގެ ހިޔާލު ނުހޯދާފައި ނުވާކަން ހަލީމަތު ފާހަގަކުރި އެވެ.

އެކަންކަމާމެދު ކަންބޮޑުވުން ފާޅުކުރުމަށްފަހު ހަލީމަތު ވަނީ މުއިއްޒުގެ ބައްޕާފުޅު، މަރްހޫމް ހުސެއިން އަބްދުއްރަހުމާން ލިޔުއްވާފައިވާ 'ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް' ފޮތުގައި ލިޔުއްވާފައިވާ ލިޔުންކޮޅެއް ނަސޭހަތެއްގެ ގޮތުގައި ކިޔައިދީފަ އެވެ. ހަލީމަތު ބުނީ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ވަޒީފާއެއްގައި ހުންނަވާ ރައްޔިތުންގެ ހާދިމެއް ކަމަށެވެ.

"މަނިކުފާނަކީ އަޅުގަނޑުމެން ދިން ވަޒީފާއެއްގައި ހުންނެވި އަޅުގަނޑުމެންގެ ހާދިމެއް، އަޅުގަނޑުމެންނާ ގުޅުންހުރި ކަންކަމުގައި އަޅުގަނޑުމެންނާ މަޝްވަރާ ނުކޮށް ކަންކަމެއް ނުނިންމޭނެ. ކިތަންމެ އަޑުހަރުކޮށް ވިދާޅުވި ނަމަވެސް، ތި ހުންނެވުނީ ރައްޔިތުންގެ ފަޅީގައެއް ނޫން،" ހަލީމަތު ބުންޏެވެ.