Advertisement

ސިޔާސީ ދާއިރާގައި ނާސިސިޒަމްގެ އަސަރުތައް ދެނެގަތުމާއި އޭގެ ނުރައްކާ


ސިޔާސީ ދާއިރާގައި ނާސިސިޒަމްގެ އަސަރުތައް ދެނެގަތުމާއި އޭގެ ނުރައްކާ

ސިޔާސީ އޮފީހެއް ހިންގާން ހުންނަ މީހާއަކީ އޭނާއަށް ތަބާވާން ޖެހޭ މީހުންގެ ތެރޭގައި ބަސްވިކޭ މީހަކަށް ވާން ޖެހެ އެވެ. ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިއަކަށް ވާން ޖެހެ އެވެ. އޭނާއަކީ އަމުރުވެރިއަކަށް ވާން ޖެހެ އެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮވެފައި، އެ މަގާމާ އެކަށޭނަ ހައިބަތު އޭނާގެ ޝަހުސިއްޔަތުން ފެންނާން ޖެހެ އެވެ. މި ހުރިހައި ސިފަތަކަކާއި ފަނާކުރަނިވި ނާސިސިޒަމްއާ ދެމެދު ވަނީ ހަނި ރޮނގެކެވެ. ސިޔާސީ ލާމަސީލު ޝަހުސިއްޔަތެއްގެ މިސާލަކީ ކުރިން މިބުނެވުނު ހުރިހައި ސިފައެއް ހުރެމެ، ފަހުން މިބުނި ސިފަ އެއްގޮތަކަށް ވެސް ނެތުމެވެ.

ސިޔާސީ ވެރިޔަކު، ނާސިސިޒަމްގެ މި ރަތްރޮނގު ހުރަސް ކުރުމަކީ އޭގައި ގެއްލުން ބޮޑު ނަތީޖާތަކެއް ހިމެނޭ ކަމެކެވެ. މުއައްސަސާތަކުގެ އޮނިގަނޑު ބަދަލުވުމާއި، ޑިމޮކްރެޓިކް ހަމަތަކަށް ބުރޫއެރުމާއި، އަދި މުޅި ގައުމުގެ ސުލްހަވެރިކަމަށް އަސަރުކުރުމަކީ އޭގެ ކުޑަ މިންވަރެވެ. ވީމާ، ސިޔާސީ ދާއިރާގައި ނާސިސިޒަމްގެ އަސަރު ދެނެގަތުމަކީ ހަމައެކަނި ނަފްސާނީ ދިރާސާއެއް ނޫނެވެ؛ އެއީ ޑިމޮކްރެސީއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނާސިސިޒަމް އަކީ ކޮބާ؟

ނާސިސިޒަމްއަށް ދިވެހި ބަހުން ކިޔާނީ ކީކޭ ބާވަ އެވެ. އަޅުގަނޑަކަށް ނޭނގުނެވެ. ދިވެހި ބަހުގައި ކިޔާ 'އައްޒާތީ' ކަމަކީ ވެސް އަދި ނާސިސިޒަމްއެއް ނޫނެވެ. އެއީ އޭގެ އެއް ކުރި އެވެ. ނާސިސިޒަމްއަކީ އަމިއްލަ ނަފްސަށް މާބޮޑު ހައިބަތެއް ދިނުމާއި، އެހެން މީހުންގެ ފުށުން ތައުރީފު ލިބުމުގެ އެދުން ބޮޑުވުމާއި، އަދި އެހެން މީހުންގެ ބަލައިގަތުމަށް ނުވަތަ އެޕްރޫވަލްއަށް ބަރޯސާވާ ޝަހުސިއްޔަތެއްގެ ވައްޓަފާޅިއެކެވެ. އޭގެ އަސާސުގައި، ނާސިސިޒަމް އަކީ ހަމައެކަނި އަމިއްލަ ނަފްސަށް އޮންނަ އިތުބާރެއް ނޫނެވެ؛ އެއީ މީހެއްގެ ޝަހުސިއްޔަތާއި ނަފްސާނީ ހަމަޖެހުން، އެހެން މީހުން އެމީހާ ދެކޭ ގޮތުގެ މައްޗަށް ބަރޯސާވާ ނަފްސާނީ މިޒާޖެކެވެ. (ޕްލޭމްޕަރ، ޖޭ)

އަމިއްލަ ނަފުސު ދެކެ ލޯބިވުމާއި، އެހެން މީހުންގެ ތައުރީފުން ހިތްހަމަޖެހުން ލިބުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނާނޭ ސިފައެކެވެ. އެއީ އަދި ނާސިސިޒަމްއެއް ނޫނެވެ. ނާސިސިޒަމްއަކީ، އެ ސިފަތަކުގައި ހައްދު ފަހަނައަޅައި ދިއުމެވެ.

'މޭ ނެހީނތޮ ކައުން ބޭ؟' އޭ ކިޔާ ހިންދީ ރެޕް ލަވައެއް އަޑުއެހިން ހެއްޔެވެ؟ އެ ބުނާ އެއްޗެއްގެ މާނައަކީ 'ބަލަ! މަ ނޫނީ ވަކި ކާކުހޭ؟' އެވެ. އެއީ އެ ލަވަ ކިޔާ ލަވަކިޔުންތެރިޔާއާ އެ ދާއިރާއިން ވާދަ ކުރެވޭނޭ އިތުރު މީހަކު ނެތްކަމަށް އޭނާ ޖަހާ ގޮމެކެވެ. ސަމާސަ ގޮތެއްގައި އެ ލަވައިގައި އެ ބުނާ ވާހަކައަކީ ހަގީގަތުގައި ނާސިސިޒަމްގެ ކުރު އަދި ސާދާ ތައާރަފެކެވެ. އެއީ ނާސިސިސްޓުން ދެކޭ ގޮތެވެ. މުޅި ދުނިޔޭގެ މެދަކީ ތިމަންނާކަމާއި، އެހެން މީހުންނަކީ ތިމަންނާ ލީޑު ރޯލް އަދާކުރާ ފިލްމުގެ ސަޕޯޓިންގ އެކްޓަރުން ކަމަށް މިފަދަ މީހުން ދެކޭ ކަހަލަ އެވެ.

ސިޔާސީ ދާއިރާގައި ނާސިސިސްޓުން

ސިޔާސީ ދާއިރާއަކީ ނާސިސިސްޓިކް ޝަހުސިއްޔަތަކަށް ބޭނުންވާ ހުރިހައި ރަހައެއް ހެޔޮވަރަށް ފޯރުކޮށްދޭ ދާއިރާއެކެވެ. ބާރާއި، ތައުރީފާއި، މަގުބޫލުކަމާއި، މަޝްހޫރުކަމާއި، މަތީ މަގާމާއި، ކޮންޓްރޯލް ކުރުމުގެ ފުރުސަތު ވެސް އެ ދާއިރާއިން ފަހިކޮށްދެ އެވެ.

ސިޔާސީ މަސްރަހުގެ ހުރިހައި އެތުރުމެއް ވެސް ތަރުތީބުވެފައި ހުންނަނީ ނާސިސިސްޓުން އެންމެ ހިތް އެދޭ ގޮތަށެވެ. ކެމްޕޭނެއްގެ ތެރޭގައި ނަމަ އެ ލިބެނީ އޭނާގެ އަމިއްލަ ނަފުސުގެ މޮޅު ވާހަކަ ދެއްކުމާއި އެހެން މީހުން ލައްވައި އެ ވާހަކަ ދެއްކުވުމުގެ ފުރުސަތެވެ. ކެމްޕޭނު ލަވައިގައި ސިފަކޮށްދޭ ޝަހުސިއްޔަތަކީ އޭނާގެ ހަގީގީ ސިފަތައް ކަމަށް ގަބޫލުކުރެވި، އެ ލިބޭ އުފަލަކީ ނާސިސިސްޓު ޝަހުސިއްޔަތަކަށް ލިބޭނޭ އެންމެ މަތިވެރި އެއް އުފަލެވެ. ކެމްޕޭނު ނިމި، އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެ ލިބުނީ ބާރުވެރިކަމެވެ. ތާރީހަށް ނުފޫޒު ފޯރުވުމުގެ ކުޅަދާނަކަމެވެ. މި ހުރިހައި 'އުފަލެއް' ލިބިދެވޭ ދާއިރާއަކަށް ވީތީ ނާސިސިސްޓިކް ސިފަތައް ހުންނަ މީހަކަށް މިފަދަ މާހައުލެއްގެ ނުފޫޒުން ސަލާމަތްވުން ވަރަށް ދަތިވާނެ އެވެ. (ޕޯސްޓް، ޖޭ.އެމް.)

ނަމަވެސް، ޑިމޮކްރަސީ ބިނާވެފައިވަނީ ފާޑުކިއުންތައް ތަހައްމަލުކުރުމާއި، ބާރުތަކުގެ ހުދޫދު ގަބޫލުކުރުމާއި، އަދި އަމިއްލަ ނަފްސަށް ލިބޭ ފަހުރުގެ މައްޗަށް ރައްޔިތުންގެ މަސްލަހަތު އިސްކުރާ ލީޑަރުންގެ މައްޗަށެވެ. ނާސިސިޒަމްއަކީ ވެރިކަމުގެ ހަރަކާތްތަކުގެ މައިގަނޑު ސަބަބަށް ވެއްޖެނަމަ، ރައްޔިތުންނަށް ހިދުމަތްކުރުމަށްވުރެ އެ ވެރިކަމަކުން އިސްކަން ދޭނީ ވެރިޔާގެ އަމިއްލަ ނަފްސުގެ ބޮޑުކަން ރައްކާތެރިކުރުމަށެވެ.

ސިޔާސީ ލީޑަރަކީ ނާސިސިސްޓެއްތޯ ދެނެގަންނާނީ ކިހިނެއް؟

ނާސިސިސްޓިކް ސިޔާސީ ލީޑަރަކު ދެނެގަތުމަކީ އެމީހުންގެ ފަރާތުން ފެންނަ ސުލޫކީ ވައްޓަފާޅިތައް މުރާޖައާކޮށް ބެލުމުން ކުރެވިދާނެ ކަމެކެވެ. މިފަދަ ލީޑަރުންގެ ފަރާތުން އާންމުކޮށް ފެންނާނީ، އަމިއްލަ ނަފްސަށް ހައްދުފަހަނައަޅާފައިވާ މުހިންމުކަމެއް ދީފައިވާ ކަމެވެ. އެމީހުން ދައްކަން ބޭނުންވަނީ، އެމީހުންނަކީ މުޅިން ތަފާތު، ނުވަތަ ތާރީހީ ގޮތުން ފާހަގަކޮށްލެވެންޖެހޭ ފަދަ ހުނަރުވެރި ބައެއް ކަމަށެވެ. އާންމުންގެ ތެރެއިންނާއި، މީޑިއާއިންނާއި، މަޝްވަރާދޭ ފަރާތްތަކުން އަބަދުވެސް ތައުރީފު ލިބިގަތުމަކީ މިފަދަ ލީޑަރުންނަށް އެންމެ އުހުގައި ބޭއްވޭ މަސްހަލަތެވެ.

ފާޑުކިޔުންތަކާ ކުރިމަތިލާން އެމީހުންނަށް އުނދަގޫ ވެ އެވެ. ފާޑުކިޔުންތައް އަމާޒުވުމާއެކު، އެ ފާޑުކިޔުން އަމާޒުކުރާ ބަޔަކަށް ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ހަމަލާދީ، އެ މީހުން ހުއްޓުވުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި މިފަދަ މީހުން ދެކޭނެ އެވެ. އަދި އެމީހުންގެ އަމިއްލަ ނަފްސުގެ މޮޅުކަން ދައްކުވައިދިނުމަށްޓަކައި، ގިނަ ފަހަރު ހަގީގަތްތައް ބަދަލުކޮށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ހޯދޭ ކުދިކުދި ކާމިޔާބީތަކަކީ ވެސް އެފަދަ ދެވަނައެއް ނެތް ކާމިޔާބީއެއްގެ ގޮތުގައި ދައްކަ އެވެ.

އެމީހުންގެ ގުޅުންތައް ބިނާކުރެވިފައި ހުންނާނީ މާލީ މަންފާގެ މައްޗަށެވެ. އެހީތެރިންގެ ފަރާތުން ވަފާތެރިކަން ލިބޭހާ ހިނދަކު ކޮންމެވެސް ސިފައެއްގައި އެ އެހީތެރިންނަށް އެމީހުން އަގުދޭނެ އެވެ. އަދި އެމީހުންނާ ދެކޮޅަށް ހިޔާލުފާޅުކުރާ ފަރާތްތަކަށް އަދަބު ދޭނެ އެވެ. އެމީހުންނަށް އެހީތެރިވާ މީހަކު، އެމީހުން ނުރުހޭ ފަދަ ކަމެއް ކޮށްފިނަމަ، އެ މީހަކަށް އަދަބު ދިނުމުގެ ގޮތުން، އެހައިތަނަށް ލިބެމުންދިޔަ އިނާޔަތްތަކުން ކޮންމެވެސް މިންވަރެއް އުނިކޮށްލާނެ އެވެ. އޭގެ ބޭނުމަކީ އޭނާ ހިތާނުވެއްޖެނަމަ ވެދާނޭ ގޮތުގެ މިސާލު ދައްކައި، އެހެން މީހުންގެ ހިތުގައި އޭނާއާ މެދު ޖެހިލުންވުމެއް އުފެއްދުމެވެ. (ޕޯސްޓް، ޖޭ.އެމް.)

އެއްބައިވަންތަކުރުމުގެ ޒިންމާ ކޮނޑުއަޅައިގެން ތިބެމެ، އެމީހުން ވާހަކަ ދައްކާގޮތުން ގިނަ ފަހަރު މުޖުތަމައު ދެބަޔަށް ބަހާލަ އެވެ. އެމީހުންގެ ނަޒަރުގައި މުޖުތަމައުގައި އުޅޭނީ ދެބާވަތެއްގެ މީހުންނެވެ. އެއީ އެމީހުންނަށް ތާއީދުކުރާ ފަރާތްތަކާއި، އެމީހުންނާ ދެކޮޅު ފަރާތްތަކެވެ. އެމީހުންގެ ވާދަވެރިންނަށް ސަމާލުކަން ލިބޭ ހިނދު އެމީހުންގެ ފަރާތުން ހަސަދަވެރިކަމާއި ނުތަނަވަސްކަން ފެންނާނެ އެވެ.

ސިޔާސީ ލީޑަރެއްގެ ކިބައިން މިފަދަ ސިފަތައް ފެނި، އަދި އެއީ ދެމިހުންނަ ކަންތައްތަކެއް ނަމަ، އެއީ އެ ސިޔާސީ ލީޑަރެއްގެ ޝަހުސިއްޔަތަށާއި އޭނާގެ ނިންމުންތަކަށް ނާސިސިޒަމްގެ އަސަރު ފޯރާފައިވާކަން ދައްކުވައިދޭ ކަމެކެވެ.

ތާރީހުން ފެންނަ ބައެއް ޝަހުސިއްޔަތުތައް

ނާރސިސިސްޓިކް ޝަހުސިއްޔަތުތަކުން ހިންގި ވެރިކަންތަކުގެ އަސަރުތައް ދުނިޔޭގެ ތާރީހުން ފެންނާން އެހުރީ އެވެ. މީގެ ތެރެއިން އެންމެންނަކީ ފެށުމުގައި ނާސިސިސްޓުންނެއް ނޫނެވެ. ލިބުނު ބާރުގެ މަސްތުގައި ދުނިޔެ ރަންވީ އެވެ. އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހުނު އިރު ތާރީހުގައި ލިޔެވުނީ ދައްކާން ރީތި ވާހަކަތަކެއް ވެސް ނޫނެވެ.

އާދައިގެ އޮފިސަރެއްގެ ގޮތުގައި ކުރި ހިތްވަރާއި، ދެއްކި ސާބިތުކަމުން ކުރިއަރައި، ނަޕޯލިއަން ފުރާންސްގެ ވެރިކަމާ ހަމައަށް އައީ އޭނާގެ ޝަހުސިއްޔަތުގެ ވަރުގަދަ ކަމުންނެވެ. އެ ހިސާބަށް އައިއިރު، އޭނާގެ ޝަހުސިއްޔަތު ފެނުނީ އެހެން މީހުންނަށެވެ. އެހެންނަމަވެސް، އެ މަންޒިލަށް ވާސިލުވުމުން އޭނާގެ މަތިވެރި ޝަހުސިއްޔަތު އޭނާއަށް ފެނުނެވެ. އޭނާގެ ނަސީބާއި، އަމިއްލަ ކާމިޔާބީއަށްޓަކައި ނުހަނު ބޮޑަށް ފަހުރުވެރިވެ، އޭނާގެ ވެރިކަމުގެ ފަހުކޮޅު ނުހަނު ބޮޑެތި ގޯސްތަކަކަށް ވެއްޓި، ނާރސިސިޒަމްގެ ރަމްޒަކަށް ވެގެން ދިޔައީ އެވެ. ބެނީޓޯ މުސޮލީނީ ވެސް ދެއްކެވީ މިފަދަ ސިފަތަކެކެވެ. އޭނާގެ ވަށައިގެން ބިނާކުރި މާސިންގާ ބޮޑު 'ޕަރސަނަލިޓީ ކަލްޓަކީ' ފަހު ވަގުތު އޭނާއަށް އެހީތެރިވެދިން ކަމަކަށް ނުވި އެވެ.

ސޯވިއަޓްޔޫނިއަންގެ ލީޑަރު ޖޯސެފް ސްޓާލިންގެ ވެރިކަމުގެ އަސާސީ ސިފައަކީ އޭނާގެ އަމިއްލަ ބާރަށް ހައްދުފަހަނަޅާފައިވާ ލޯތްބެއް ހުރުމެވެ. އޭނާގެ ބާރަށް ގޮންޖެހިދާނެ ކަމަށް ބެލެވުނު ކޮމިއުނިސްޓް ޕާޓީގެ އިސް މެމްބަރުންނާއި އާދައިގެ ރައްޔިތުންނާ ދެކޮޅަށް ވެސް އޭނާގެ ކެމްޕޭނުތަކާއި ހަމަލާތައް އަމާޒުކުރި އެވެ. ސަރުކާރުގެ ރަސްމީ ޕްރޮޕެގެންޑާގައި އޭނާ ސިފަކޮށްފައިވަނީ 'ގައުމުތަކުގެ ބައްޕަ' އަދި 'މޮޅު ވިސްނުންތެރިޔާ' ގެ ގޮތުގަ އެވެ. ސޯވިއެޓްގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހުރި މަގުދައްކާ ބާރަކީ އޭނާކަމަށް އެ ޕްރޮޕެގެންޑާތަކުގައި ގޮވަ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ހުރިހައި މޮޅު ކަމެއް ކުރެވެނީ އޭނާގެ 'ލަފާފުޅާއި އިރުޝާދުގެ ދަށުން' ކަމަށް އެބައިމީހުން ގޮވަ އެވެ. އެގޮތަށް ވާހަކަ ދެއްކުމަށް އެމީހުނަށް އޮންނަނީ މަޖުބޫރުކޮށްފަ އެވެ. (ޕްލޭމްޕަރ، ޖޭ)

ރިޗާޑް ނިކްސަން، ޑިމޮކްރަސީއެއްގެ ތެރޭގައި މަސައްކަތްކުރެއްވި ނަމަވެސް އޭނާގެ ފުށުން ވެސް 'ވަލްނަރަބަލް ނާރސިސިޒަމް' ގެ އަސަރުތައް ފެނުނެވެ. އެއީ، ފާޑުކިޔުންތަކުން ބޮޑު އަސަރެއް ކުރުމާއި، ދުޝްމަނުން ކަމަށް ހީވާ ފަރާތްތަކަށް ޝައްކުކުރުމާއި، 'ވޯޓަރގޭޓް' ތަހުގީގުތައް ބަލައިގަތުމަށް ނުކުޅެދުން ފަދަ ކަންކަމެވެ.

ސައްދާމް ހުސައިން ނާރސިސިސްޓިކް ވެރިކަން ހައްދުފަހަނަޅައިދާ ގޮތް ދައްކުވައިދިނެވެ. އޭނާގެ ތަސްވީރުތަކާއި، ލަގަބުތަކާއި، ނިޝާންތައް މުޅި ގައުމަށް ފަތުރައި، އޭނާއާ ބެހޭ ގޮތުން އާދަޔާ ހިލާފު ހުނަރުގެ ވާހަކަތައް ފަތުރައި، އޭނާގެ ދެކެ ބިރުގަންނަންޖެހޭ ކަމުގެ އިހުސާސު މުޅި ގައުމުގައި ފެތުރި އެވެ.

މިތަނުގައި ނަން ލިޔެ ހުސްނުވާނޭ ވަރަށް މިކަހަލަ ކިތަންމެ ޝަހުސިއްޔަތުތަކެއް ދުނިޔެ ދެކެފި އެވެ.

ނިންމުން

އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ. އެހެން މީހުންގެ ތައުރީފުން އުފާވުމަކީ ވެސް ނާސިސިޒަމްއެއް ނޫނެވެ. އެއީ އިންސާނީ ފިތުރަތެވެ.

އިންސާނީ ތަބީއަތުގެ މި އިހުސާސުތަކާއި ނާސިޒަމްއާ ދެމެދުގައި އެވާ ހަނިރޮނގު ހުރަސްކުރެވިއްޖެ ނަމަ އެއީ ނަފުސާނީ ފަރުވާ ބޭނުންވާނޭ ކަމެކެވެ. އަމުދުން މި ބަލީގެ ޝިކާރައަކަށްވަނީ ސިޔާސީ އޮފީހެއް ހިންގާ މީހަކު ކަމުގައިވާނަމަ އޭގެ ނުރައްކާ ބޮޑެވެ. ސިޔާސީ މީހެއްގެ ކިބައިގައި ހުރި ނާސިސިސްޓު ޝަހުސިއްޔަތުގެ އަސަރު ކުރާނީ މުޅި ގައުމަށެވެ.

އެންމެންނަކީ އެއްވެސް ހިލާފެއް ނެތި އޭނާއާ ތަބާވާންޖެހޭ ބައެއް ކަމުގައި ދެކުމާއި، އޭނާ ދެކޭގޮތް އެއީ އެންމެ މޮޅު ގޮތް ކަމަށް ދެކުމާއި، ހިތްހަމަނުޖެހޭ ދަނޑިވަޅުގައި ހިތްހަމަނުޖެހޭ މީހާއަށް ހަމަ ކޮންމެ ފަދަ ގޮތެއް ހަދާލުމަކީ މިފަދަ މީހުންނަށް އެއްވެސް ކަމެއް ނޫނެވެ. އޭނާ އެކަން އެކުރަނީ އޭނާގެ ނަޒަރުގައި އެކަމުގެ މުހިންމުކަން ބޮޑުވީމަ އެވެ. އޭނާގެ ލޮލުން ބަލާއިރު ދުނިޔެއިން ފެންނާނޭ އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ޝަހުސިއްޔަތެވެ. އެ ޝަހުސިއްޔަތުގައި ކޫރުމެއް ވެސް އެޅިދާނޭ ކަމެއް ކުރާ މީހަކު 'މައިތިރި' ކުރުމަކީ އޭނާގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި އޭނާ ދެކޭނެ އެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ނާސިސިސްޓުން މަތަ ކުރުމަކީ އާންމު ރައްޔިތުންގެ މަސައްކަތުން ނޫނީ ނުކުރެވޭނޭ ކަމެކެވެ. ނާސިސިސްޓުން އެމީހުންގެ އަމިއްލަ ނަފުސު ދެކެ އިންތިހާއަށް ލޯބިވާ ފަދައިން، ރައްޔިތުން ދެކެ އިންތިހާއަށް ބިރު ގަނެ އެވެ. ރައްޔިތުންގެ ބާރު ދައްކާލުމަށް އޮންނަ ފުރުސަތުތަކަށް ހުރަސްއަޅައި ބަންދުކުރަނީ އެހެންވެ އެވެ. ދައްކާ ބިރު ފަހަނައަޅައި ގޮސް، ރައްޔިތުންގެ ހަގީގީ ބާރު ދައްކާލާ ދުވަހަކީ ނާސިސިސްޓުންގެ އެ ބައްޔަށް ފަރުވާ ލިބުމުގެ ފުރަތަމަ ފިޔަވަޅު އެޅޭ ދުވަހެވެ. އުޑަށް ވާހަކަ ގޮވޭ ވަރަށް އުފުލިފައި ހުއްޓައި އެ ފެނުނު އޭނާގެ ޝަހުސިއްޔަތަކީ ލޮލަށް ދައްކާލި އަވާމެންދުރެއްކަން އެ ދުވަހު އިހުސާސު ވާނެ އެވެ.

--

ނޯޓު؛ ސިޔާސީ މައިދާނުގައި ނާސިސިޒަމްގެ ތާރީހާއި، އަސަރުތަކާއި، އެކަން ތަހުލީލު ކުރާނޭ ގޮތުގެ މައުލޫމާތު ތިރީގައި މިވާ ދެފޮތުގައި ވަރަށް ރަނގަޅަށް ކިޔައިދީފައި ވެ އެވެ.

  • ޕްލޭމްޕަރ، ޖޭ. (2012) ދަ ސްޓާލިން ކަލްޓް، އަ ސްޓަޑީ އިން ދަ އަލްކަމީ އޮފް ޕަވަރ. ނިއުހެވަން؛ ޔޭލް ޔުނިވަރސިޓީ
  • ޕޯސްޓް، ޖޭ.އެމް. (2005) ދަ ސައިކޮލޮޖިކަލް އެސެސްމަންޓް އޮފް ޕޮލިޓިކަލް ލީޑަރސް. ޔުނިވަރސިޓީ އޮފް މިޝިގަންޕްރެސް