Advertisement

ޓްރަމްޕް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރި ދައުވާ ބޭރުކޮށްލައިފި

27 ނޮވެންބަރު 2025 - 06:36 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް


ޓްރަމްޕް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރި ދައުވާ ބޭރުކޮށްލައިފި

27 ނޮވެންބަރު 2025 - 06:36 0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2020 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޖޯޖިއާގެ ފަނޑިޔާރަކު ނިންމި މި ނިންމުމާއެކު، ރައީސް ޖޯ ބައިޑަން އަތުން ބަލިވުމުން ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޓްރަމްޕާ ދެކޮޅަށް ދައުވާކުރުމަށް ކުރި އެންމެ ފަހުގެ މަސައްކަތް ނިމުމަކަށް އައީ އެވެ.

މި މައްސަލަ ފުރަތަމަ ހިންގި ދައުލަތުގެ ވަކީލު އެކަމުން ވަކިކުރުމަށްފަހު، މި މައްސަލަ ހަވާލުވެވަޑައިގެންނެވި ޕީޓަރ ސްކެންޑަލަކިސް، ބުދަ ދުވަހު ފަނޑިޔާރު ސްކޮޓް މެކަފީ އަރިހުން އެދިވަޑައިގަތީ ދައުވާތައް ބޭރުކޮށްލުމަށެވެ.

ޓްރަމްޕްގެ ވަކީލު ސްޓީވް ސެޑޯ ވަނީ ރައީސްއާ ދެކޮޅަށް ހިންގި މި "ސިޔާސީ ބޭއިންސާފު" ނިމުމަކަށް ގެނައުމުގެ މި ނިންމުމަށް ތައުރީފުކުރައްވާފަ އެވެ.

މި މައްސަލަ ބޭރުކޮށްލުމާއެކު، ޓްރަމްޕްގެ މައްޗަށް އުފުލުނު ހަތަރު ޖިނާއީ މައްސަލަ ވެސް ނިމުމަކަށް އައީ އެވެ. އޭގެތެރެއިން ޝަރީއަތް ހިންގުނީ އެންމެ މައްސަލައެއްގަ އެވެ. އެ މައްސަލަ ވެސް ނިންމާފައިވަނީ ޓްރަމްޕްއާ އެއްކޮޅަށެވެ.

މި މައްސަލަ ހިނގަމުން ދިޔައިރު، މި މައްސަލައަށް ވެސް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެވޭ އެތައް ކަމެއް ހިނގާފައި ވެ އެވެ. ފުރަތަމަ، ޖޯޖިއާގެ އިސްތިއުނާފު ކޯޓަކުން ފުލްޓަން ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ފާނީ ވިލިސް މި މައްސަލައިން ވަކިކުރީ، ދައުވާކުރާ ވަކީލަކާއެކު ރޮމޭންޓިކް ގުޅުމެއް އޮތްކަން ސާބިތުވުމުން "ގޯސްކަމެއް ހިނގައިދާނެ ކަމުގެ ތުހުމަތު އުފެދޭ" ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

ޕްރޮސިކިއުޓިންގ އެޓާނީސް ކައުންސިލް އޮފް ޖޯޖިއާގެ އެގްޒެކެޓިވް ޑިރެކްޓަރު ސްކެންޑަލަކިސް، ވިލިސް މައްސަލައިން ވަކިކުރުމަށްފަހު އަދި އެހެން ދައުލަތުގެ ވަކީލުން މި މައްސަލަ ބަލައިގަތުމަށް ދެކޮޅު ހެދުމުން، މި މައްސަލައާ އޭނާ އަމިއްލައަށް ހަވާލުވީ އެވެ.

ބުދަ ދުވަހު ފުލްޓަން ކައުންޓީގެ ފަނޑިޔާރަކަށް ހުށަހެޅި ހުށަހެޅުމެއްގައި އޭނާ ވިދާޅުވީ، "އިންސާފުގެ މަސްލަހަތު ރައްކާތެރިކުރުމަށާއި، ޝަރީއަތުގެ ކަންކަން ނިމުމަކަށް ގެނައުމަށް އެހީތެރިވުމަށް" މި މައްސަލަ އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޕްރޮސިކިއުޓިންގ އެޓާނީސް ކައުންސިލް އޮފް ޖޯޖިއާގެ އެގްޒެކެޓިވް ޑިރެކްޓަރު ސްކެންޑަލަކިސްއަކީ ކުރިން ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

2020 ވަނަ އަހަރު ޖޯޖިއާގައި ރިޔާސީ އިންތިހާބުގައި ގާތްގަނޑަކަށް ފަސް މިލިއަން މީހުން ވޯޓު ލައިފައިވާއިރު، ބައިޑަން މި މުހިންމު ސްޓޭޓް ކާމިޔާބުކުރީ ގާތްގަނޑަކަށް 12,000 ވޯޓުންނެވެ.

ޓްރަމްޕް އާއި އޭނާގެ ބައެއް އެކުވެރިން ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދިއިރު، މި ސްޓޭޓަކީ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރި މަސައްކަތްތަކުގެ މައިގަނޑު މަރުކަޒަކަށް ވެގެން ދިޔަ އެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހު، ދަ ވޮޝިންގޓަން ޕޯސްޓުން ޓްރަމްޕް ޖޯޖިއާގެ ރިޕަބްލިކަން ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރެފަންސްޕަރގަރއާ ދެމެދު ދެކެވުނު ވާހަކައެއްގެ ރެކޯޑިންގއެއް އާންމު ކުރި އެވެ.

"އަހަރެން ބޭނުންވަނީ 11،780 ވޯޓު ހޯދަން، އެއީ އަހަރެންނަށް ލިބިފައިވާ އަދަދަށްވުރެ އެންމެ ވޯޓެއް އިތުރަށް. ސަބަބަކީ އަހަރެންނަށް މި ސްޓޭޓް ކާމިޔާބުކުރެވިފައި އޮތީ،" ޓްރަމްޕް އެ ރެކޯޑިންގގައި ވިދާޅުވި އެވެ.

މި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ މިންވަރަށް ހެކިތައް ހުރި ނަމަވެސް، މައްސަލައިގެ ވަރަށް ކުރީ ކޮޅުން ފެށިގެން ކަންކަން ހިނގަމުން ދިޔަ ގޮތަށް ބަލައި، މި މައްސަލަ ކުރިއަށް ނުދާނޭ ކަމަށް އޮތީ އަންދާޒާ ކުރެވިފަ އެވެ.