Advertisement

އެމެރިކާ އުޅެނީ އީރާންގެ ތެޔޮވަޅުތަކަށް އަތް ނުބޭނިގެން

އިރާންގެ ތެޔޮ ކާރުހާނާއެއް


އެމެރިކާ އުޅެނީ އީރާންގެ ތެޔޮވަޅުތަކަށް އަތް ނުބޭނިގެން

"އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފެށީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ އެކަން ހުއްޓުވުމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިއްޔާ، މުޅި މެދުއިރުމަތި ނުރައްކަލަށް ވެއްޓޭނެއެވެ. އެހެން ވެއްޖެނަމަ، މެދުއިރުމަތީގެ ތެޔޮ ވަޅުތައް އީރާންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދާނެއެވެ. ނަތީޖާއަކަށްވާނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރައި އިގްތިސާދީ އަނދަވަޅަކަށް މުޅި ދުނިޔެ ވެއްޓުމެވެ."

މިއީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ޖެހުނު ކަމަށް، އެމެރިކާ އާއި އިޒްރޭލުން ދެއްކި ސަބަބުތަކެވެ. ދެން މުޅި ދުނިޔެ ވީ އެ ވާހަކަ ގަބޫލުކުރާށެވެ. ހުރިހާ ގައުމުތައް އީރާން ކުށްވެރިވެސް ކުރަންވީއެވެ. އަދި އެމެރިކާ އާއި އިޒްރޭލުން ފަށާފައިވާ އުދުވާނީ ހަނގުރާމައަށް ތާއީދުވެސް ކުރަންވީއެވެ.

ހަގީގަތުގައި ވެސް، ފެބްރުއަރީ 28، 2026 ގައި އެމެރިކާ އާއި އިޒްރޭލުން، އީރާނާ ދެކޮޅަށް ފަށައިގެން ކުރަމުން އެދާ ހަނގުރާމައިގެ ފޮރުވިފައިވާ ސިއްރުތަކަކީ ނުވަތަ ސަބަބުތަކަކީ އެއީ ހެއްޔެވެ؟ ނުވަތަ އެމެރިކާއިން ފާޅުގައި ބުނަން ބޭނުން ނުވާ ކަންތައްތަކެއް، މި ހަނގުރާމައިގެ ނިވަލުގައި ވޭ ހެއްޔެވެ؟ އެހެން ވިއްޔާ، އެމެރިކާއިން ކުރަން އެއުޅޭ ކަމަކީ ކޮބައި ހެއްޔެވެ؟

އީރާނާއި އެމެރިކާ އާއި އިޒްރޭލުގެ މައްސަލައަކީ، އިއްޔެ މިއަދަކު އުފެދުނު މައްސަލައެއް ނޫނެވެ. މި މައްސަލަ އުފެދުނު ދެ މަސްރަހެއް އެބަ އޮތެވެ. އެއީ ސިޔާސީ މަސްރަހުންނާއި ވިޔަފާރީގެ މަސްރަހުންނެވެ. ސިޔާސީ ގޮތުން ބަލާއިރު، އެމެރިކާ އާއި އިޒްރޭލުގެ ބޮލު ރިހުމަކަށް އީރާން ވީ، 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށް ފަހުގައެވެ.

އެ އިންގިލާބަކީ، ހަމައެކަނި އީރާންގެ ދާހިލީ އަދި ސިޔާސީ ކަންކަމަށް އައި އިންގިލާބެއް ނޫނެވެ. އެއީ، މެދުއިރުމަތީގައި އޮތް އެމެރިކާގެ އަޅުވެތިކަމުން، ހަށި ފޮޅާލާފައި އީރާން ނުކުތް ނުކުތުމެކެވެ. އޭގެ ކުރިން، އީރާންގައި އޮތް ޝާހީ ރަސްކަމުގެ ދުވަސްވަރު، އީރާން އޮތީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން، އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މުށު ތެރޭގައެވެ.

އީރާންގެ އެންމެ ފަހުގެ ރަދުން (1941-1979)، މުހައްމަދު ރިޒާ ޕެހެލަވީގެ 38 އަހަރުގެ ރަސްކަމުގައި އީރާންގެ ސިޔާސީ މަސްރަހުން އެ މަންޒަރު ދިޔައީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ނަމަވެސް، 1979 ވަނަ އަހަރު، ރޫހުﷲ ޚުމައިނީ ގެންނެވި އިސްލާމީ އިންގިލާބާއެކު، އީރާނުން އެ ނުފޫޒު ނައްތައިލިއެވެ. އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އެމެރިކާއަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ފެށިއެވެ.

ސިޔާސީ ގޮތުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް އީރާން "ކަމުނުދިޔައީ" އެހިސާބުންނެވެ. ދެން އޮތީ ވިޔަފާރީގެ މަސްރަހުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް އީރާން "ގޯސް" ވެގެން ދިޔަ ގޮތެވެ. އީރާނުން އެންމެ ފުރަތަމަ ތެޔޮ ފެނުނު ދުވަހުން (މެއި 26، 1908) ފެށިގެން ވެސް ހުޅަނގުގެ ގައުމުތަކަށް އީރާން ރަނގަޅެވެ. އަދި އީރާނާ މެދު ޝައުގުވެރިކަން އިތުރުވިއެވެ.

ތެލުގެ ވިޔަފާރި ފުޅާކުރުމަށް އެންގްލޯ-ޕާޝިއަން އޮއިލް ކޮމްޕެނީގެ ނަމުގައި، އީރާނާއި އިނގިރޭސި ސަރުކާރު ހިއްސާވާ ކުންފުންޏެއް 1909 ވަނަ އަހަރު އުފެއްދިއެވެ. އަދި 1914 ވަނަ އަހަރު އިނގިރޭސި ސަރުކާރުން މި ކުންފުނީގެ އަގުލަބިއްޔަތު ހިއްސާ ގަނެ، އީރާންގެ ތެލުގެ ވިޔަފާރީގެ ކޮންޓްރޯލް އަތުލިއެވެ. އަދި 1933 ވަނަ އަހަރުން ފެށިގެން 60 އަހަރަށް ހެދި އެއްބަސްވުމެއްގެ ދަށުން، އީރާން ސަރުކާރުގެ ހިއްސާގެ ބަދަލުގައި ވަކި ރޭޓަކުން – އެކްސްޕޯޓް ކުރާ ސާފުނުކުރާ ތެޔޮ ޓަނަކުން ހަތަރު ޕައުންޑު – އީރާނަށް ފައިސާ ދިނުމަށް ނިންމައި، ތެޔޮ އެކްސްޕޯޓް ކުރުމުގެ އެއްވެސް ހައްގެއް އީރާނަށް ލިބިގެން ނުވާކަމަށް ކަނޑައެޅިއެވެ.

އޭގެ އަހަރުތަކެއް ފަހުން، ތެލުގެ ވިޔަފާރިއަކީ އީރާންގެ ގައުމީ ސިނާއަތަކަށް ހެދުމަށް ގޮވައިލާ އަޑުތައް ގަދަވުމާއެކު، އީރާންގެ ބޮޑުވަޒީރު މުހައްމަދު މުސައްދިގުގެ ސަރުކާރުން 1950 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކުން، އީރާންގެ ގައުމީ ތެޔޮ ކުންފުނި އުފެއްދިއެވެ. ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާ އާއި އިނގިރޭސި ސަރުކާރު އަޑީގައި އޮވެގެން، 1953ގައި ގެނައި ބަގާވާތަކުން ބޮޑުވަޒީރު މުހައްމަދު މުސައްދިގުގެ ސަރުކާރު ވައްޓާލައި، އީރާންގެ ތެލުގެ ކޮންޓްރޯލް އަނެއްކާ ވެސް އަތުލިއެވެ.

ޖެހިގެން އައި 1954 ވަނަ އަހަރު، އީރާންގެ ގައުމީ ތެޔޮ ކުންފުންޏާއި ބްރިޓިޝް ޕެޓްރޯލިއަމް ކޮމްޕެނީއާ ދެމެދު ހެދި އެއްބަސްވުމުން، އީރާންގެ ތެޔޮ އެކްސްޕޯޓްކޮށްގެން ލިބޭ ފައިދާ ދެ ކުންފުންޏަށް ހަމަހަމައަށް ބެހުމަށް ނިންމިއެވެ. ނަމަވެސް، މި އެއްބަސްވުން އޮތް ގޮތުން، އީރާނުން އުންމީދުކުރި ވަރުގެ ނަފާއެއް ނުލިބޭތީ، ތެޔޮ އުފައްދާ މިންވަރު ދެ ގުނަ ނުކުރާ ނަމަ، އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެކަން، 1973 ވަނަ އަހަރު އީރާނު ސަރުކާރުން އިނގިރޭސި ސަރުކާރަށް އެންގިއެވެ.

މި ކަމަށް އިނގިރޭސި ކުންފުނި އެއްބަސްނުވުމުން، 1973 ވަނަ އަހަރުން ފެށިގެން 20 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމެއްގެ ދަށުން، ތެޔޮ އުފެއްދުމުގެ ހުރިހާ ޒިންމާއެއް އީރާންގެ ކުންފުންޏާ ހަވާލުކުރިއެވެ. އަދި އެ ކުންފުނިން އުފައްދާ ތެލުގެ ބޮޑު ބައެއް، އިނގިރޭސި ސަރުކާރުގެ ކުންފުންޏަށް ވިއްކުމަށް އެއްބަސްވިއެވެ.

މި ގޮތުގެ މަތިން އީރާންގެ ތެލުގެ ކޮންޓްރޯލް އަތުލުމަށް އިނގިރޭސިން ކުރަމުން އައި މަސައްކަތަށް އިންގިލާބީ ބަދަލެއް އައީ، 1973 ވަނަ އަހަރުގެ ތެރޭގައި އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި (1973 އޮކްޓޫބަރު 6-25) ހަނގުރާމައިގެ ތެރޭގައެވެ. އޭރު އީރާނަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމަށް ވުމުން، އީރާންގެ ތެލުގެ ވިޔަފާރިއަކީ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ބޭނުންކޮށްފާނެ ހަތިޔާރެއްގެ ގޮތުގައި އިނގިރޭސީންނާއި އެމެރިކާއަށް ފާހަގަކުރެވުނެވެ.

"އެއްވެސް ޝައްކެއް ނެތް، ތެލުގެ އަގުތައް އެދަނީ އުފުލެމުން، އެއީ ޔަގީންކަމެއް. އެކަމަކު ކިހިނެއް. .... ކަލޭމެން (ހުޅަނގުގެ ގައުމުތަކުން) އަހަރެމެންނަށް ވިއްކާ ގޮދަނުގެ އަގު މިހާރު އެއޮތީ 300 ޕަސެންޓަށް މަތިކޮށްފައި. ހަމަ އެގޮތަށް ހަކުރާއި ސިމެންތީގެ އަގުވެސް. ... ކަލޭމެން އަހަރެމެންގެ އަތުން، ސާފު ނުކުރާ ތެޔޮ ގަނެގެން ސާފުކޮށްފައި ޕެޓްރޯކެމިކަލްގެ ގޮތުގައި އަލުން އަހަރެމެންނަށް ތިޔަ ވިއްކަނީ، އަހަރެމެންގެ އަތުން ގަންނަ އަގަށް ވުރެ 100 ގުނަ ބޮޑުކޮށް. މިއީ އިންސާފުކަމަށް ވާނީ، އަހަރެމެންގެ އަތުން ގަންނަ ތެލަށް މިހާރަށް ވުރެ ރަނގަޅު އަގު ދީގެން. އެއީ މިހާރަށް ވުރެ ދިހަ ގުނަ އިތުރު އަގެއް ކަމަށް ބަލަމާ!" އީރާނުގެ އޭރުގެ ރަދުން މުހައްމަދު ރިޒާ ޕެހެލަވީ، 1973 ވަނަ އަހަރު ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އަރަބި-އިޒްރޭލު ހަނގުރާމައިގެ ތެރޭގައި ތެލުގެ ވިޔަފާރިއާއި ތެލުގެ ކޮންޓްރޯލާ މެދު އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު މަސްރަހު ހޫނުވެފައި އޮންނަތާ ހަ އަހަރު ފަހުން، 1979 ގައި އީރާނަށް ގެނައި އިސްލާމީ އިންގިލާބަކީ ތެލުގެ ކޯޅުން އިތުރަށް ގޯސްވި ސަބަބެކެވެ. ޚުމައިނީގެ އިންގިލާބާއެކު، އީރާނުގެ ތެލުގެ ސިނާއަތް އީރާން ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ބޭރުގެ ކުންފުނިތަކާއެކު ހަދާފައި ހުރި ހުރިހާ އެއްބަސްވުންތައް އުވައިލިއެވެ.

އެ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން، 1979 ން ފެށިގެން 1998ގެ ނިޔަލަށް، ތެލުގެ ވިޔަފާރިއާ ބެހޭ ގޮތުން ބޭރުގެ އެއްވެސް ކުންފުންޏަކާއެކު އީރާނުން އެއްބަސްވުމެއް ނުހަދައެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ ތެލަކީ އީރާން ރައްޔިތުން ތަރައްގީކޮށް ފައްކާކުރާ ސިނާއަތެއްގެ ގޮތުގައި ރައްޔިތުން ވެސް ބަލައިގަތެވެ.

ނަމަވެސް، އީރާނުގެ މި ސިޔާސަތާ މެދު އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އީރާނަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ހަތަރު ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އަދި މެދުއިރުމަތީގައި އެންމެ ގިނައިން ތެޔޮ އުފައްދާ ފަސް ގައުމުގެ (ސައޫދީ އަރަބިއްޔާ، އިރާގު، އެމިރޭޓްސް، އީރާން، ކުވައިތު) ތެރެއިން، އެމެރިކާ އާއި ހުޅަނގުގެ ކޮންޓްރޯލެއް ނެތް ހަމައެކަނި ގައުމަކީ ވެސް އީރާނެވެ.

އެހެންކަމުން، އީރާނުގައި އޮތް އިންގިލާބީ ވެރިކަން ފުރޮޅާލައި، އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމުކޮށްގެން ނޫނީ، އީރާންގެ ތެޔޮ ވަޅުތަކަށް ހުޅަނގުގެ އަތް ނުބޭނޭނެކަން އެމެރިކާއަށް އެނގެއެވެ. މި ސަބަބަށްޓަކައި، އީރާންގެ ވެރިކަން ބަދަލުކުރެވޭނެ ބަހަނާއެއް އުފަންކުރެވޭތޯ އެމެރިކާއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

އެ ގޮތުން އެމެރިކާއިން އެންމެ ފުރަތަމަ އިސްކުރީ، "ގަހުގެ ވެރިޔާ ލައްވައި ގަސް ކެނޑުވުމުގެ" ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން، އީރާންގެ ސަރުކާރަކީ ރަނގަޅު ސަރުކާރެއް ނޫންކަން ވިސްނައިދިނުމަށް އެމެރިކާއިން އެތައް ގޮތަކުން މަސައްކަތް ކުރިއެވެ. ދީނީ މިނިވަންކަން ނެތްކަން، ރައްޔިތުންނަށް ވިސްނައިދިނެވެ. އިންސާނީ ހައްގުތައް ނުލިބޭކަމާއި ހިމާޔަތް ނުކުރެވޭކަން ވިސްނައިދިނެވެ. ޑިމޮކްރެސީގެ އެއްވެސް ސިފައެއް ނެތް ކަމާއި، ވެރިން އިހުތިޔާރު ކުރުމުގައި ރައްޔިތުންގެ ދައުރެއް ނެތްކަން ވިސްނައިދިނެވެ. ރައްޔިތުން ބަނޑަށް ޖައްސާފައި، ރައްޔިތުންގެ ފައިސާއިން ވެރިންގެ ޖީބުތައް ފުރަމުންދާކަން ވިސްނައިދިނެވެ.

އެމެރިކާއިން އުކި މިފަދަ އެންގަނޑުތަކުގައި ހިފީ އީރާންގެ ޒުވާން ޖީލެވެ. ސަރުކާރާ ދެކޮޅަށް އެތައް ފަހަރަކު ތެދުވެ، މުޒާހަރާތައް ކުރިއެވެ. ތަންތަނުގައި ހުޅުޖަހައި އެތައް ގެއްލުމެއް ދިނެވެ. އީރާންގެ ސަރުކާރު ވެއްޓެން އުޅޭކަމުގެ ކުލަ ހިޔަނިތައް އެމެރިކާއަށް ދެއްކިއެވެ. ނަމަވެސް، އެމެރިކާ އުންމީދުކުރި ފަދަ ނަތީޖާއެއް ނުނުކުތެވެ.

އެހެންކަމުން، އިރާގާއި ލީބިޔާގައި ކުރިން އޮތް، އެމެރިކާއަށް ބޯނުލަނބާ ދެ ސަރުކާރު ވެސް ބަދަލުކުރި ގޮތަށް، އީރާނުގެ ސަރުކާރު ބަދަލުކުރުމަށްޓަކައި އެމެރިކާ އާއި އިޒްރޭލުން އަސްކަރީ ފިޔަވަޅު އެޅީއެވެ. އެނޫން ގޮތަކުން އީރާންގެ "ބޯހަރު" ސަރުކާރު މައިތިރި ނުކުރެވޭކަން ކަށަވަރުވުމުންނެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތަށް، މިއީ ފަހަރެއްގައި ވެސް އީރާނުގައި ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭތީ، ނުވަތަ އިޒްރޭލަށް ނުރައްކަލެއް ކުރިމަތިވާތީ، އެމެރިކާއިން ފެށި ހަނގުރާމައެއް ނޫނެވެ. އޭގެ ބަދަލުގައި އެމެރިކާގެ ހުރިހާ ވެސް ވިސްނުމަކީ، އީރާންގެ ވެރިކަން ބަދަލުކޮށް، އެމެރިކާގެ ދަޅަތަކަށް ހެއްލިގެން ތިބި، މެދުއިރުމަތީގެ އެހެން ވެރިން ފަދަ ބޭފުޅަކު އީރާނުގެ ވެރިކަމަށް ގެނެސް، އީރާންގެ ތެލުގެ ވިޔަފާރީގެ ފުރިހަމަ ކޮންޓްރޯލު އަތުލުމެވެ.