about 1 hour 0
about 1 hour 0
ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 13) - މި އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިވުމަކީ އިރާނަށް ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ.
ޖޫން 12، ގައި ފަށާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ.
އިރާނުން މި ގޮތަށް ނިންމާފައިވަނީ ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، އެމެރިކާގައި އިރާނު ޓީމަށް މެޗުތައް ކުޅުމުގައި ދަތިތަކެއް ދިމާނުވާނެ ގޮތަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
ފެބްރުއަރީ 28، ގައި އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގައި، އިރާނާ ދެކޮޅަށް ގިނަ ގޮތްގޮތަށް ވާހަކަ ދައްކަވަމުން އަންނަ ޓްރަމްޕް، ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާންގެ ޓީމަށް ވޯލްޑް ކަޕްގައި ކުޅެން އަންނަން މަރުހަބާ ކިޔާ ކަމަށެވެ.
"އެކަމަކު، އަހަރެން ގަބޫލެއް ނުކުރަން މި ތަނަށް (އެމެރިކާ އަށް) އެ މީހުން (އިރާން ފުޓްބޯޅަ ޓީމު) އައުމަކީ، އެެ މީހުންގެ އަމިއްލަ ރައްކާތެރިކަމަށް ބަލާއިރު ރަނގަޅު ކަމެއް ހެން،" ޓްރަމްޕް ވިދާޅުވި އެެވެ.
ޓްރަމްޕް، ދާދި ފަހުން ވަނީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އޭޝިއަން ވިމެންސް ކަޕްގައި ކުޅުނު އިރާން އަންހެން ޓީމުގެ ކުޅުންތެރިންނަށް އޮސްޓްރޭލިއާ އިން ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ފާހަގަކުރައްވައިފަ އެވެ. އެއީ، އެ ޓީމުގެ ކުުޅުންތެރިން އެނބުރި ގައުމަށް ގޮސް އުޅުމަށް ރައްކާތެރި ނޫން ކަމަށް ވިދާޅުވެ އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ.
އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.
ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމުމާ އެކު، ފީފާ އިން އެ ޖާގަ އިޓަލީ އަށް ދީފާނެ ކަމަށް ބެލެވޭ ކަމަށް އިރާގުގެ އެސިސްޓަންޓް ކޯޗު، ރެނޭ މިއުލެންސްޓީން ވަނީ ބުނެފަ އެވެ. އެކަމަކު، ފީފާ އިން އިރާން، ވޯލްޑް ކަޕުން ވަކިވާން ނިންމި ނިންމުމާ ގުޅޭގޮތުން ވަކި ގޮތެއް ހާމަކޮށްފައިނުވެ އެވެ.
Comment