25 ނޮވެންބަރު 2025 - 15:14 0
ލީވާން އަލީ ނާސިރު
25 ނޮވެންބަރު 2025 - 15:14 0
އަންނަ މަހު ބާއްވާ އުރީދޫ ފަން ރަން 2025 އަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ފުރުސަތު މިއަދު މެންދުރު 2:00 ޖަހާއިރު ހުޅުވާލަން ނިންމައިފި އެވެ.
ހާއްސަ ފްލެޝް ސޭލްއެއްގެ ދަށުން ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ފަން ރަންގެ ކިޓް ހުސްވަންދެން ކަމަށާއި ކިޓް ހުސްވުމުގެ ކުރިން ސޭލްގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
"ސްޓޮކް މަދުވުމުން ފްލޭޝް ސޭލް ހުޅުވާފައި ހުންނާނީ ލިބެންހުރި ހުރިހާ ކިޓެއް ވިކި ހުސްވަންދެން. ކިޓްތައް ހުސްވުމުގެ ކުރިން އެ ސޭލްގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރަން،" އުރީދޫއިން ބުންޏެވެ.
ފަން ރަންގައި ހިމެެނެނީ ސްޓޭންޑާޑް ކިޓާއި ފަން ކިޓެވެ. އޭގެ ތެރެއިން 110ރ. އަށް ލިބޭ ސްޓޭންޑާޑް ކިޓުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 210ރ. އަށް ލިބޭ ފަން ކިޓުގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
Comment