Advertisement

"މަތިން އަންގައިގެން" ކަމަށް ބުނެ ޖޭއެސްސީގެ ޔަޒްމީދު އާއި އަލީ އަބްދުއްލަތީފް ކޯޓުތަކަށް ނުފޫޒު ފޯރުވަނީ

23 ނޮވެންބަރު 2025 - 10:54 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"މަތިން އަންގައިގެން" ކަމަށް ބުނެ ޖޭއެސްސީގެ ޔަޒްމީދު އާއި އަލީ އަބްދުއްލަތީފް ކޯޓުތަކަށް ނުފޫޒު ފޯރުވަނީ

23 ނޮވެންބަރު 2025 - 10:54 5

"މަތިން އަންގައިގެން" ކަމަށް ބުނެ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ ބައެއް މައްސަލަތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު އާއި އެ ކޮމިޝަނުގެ މެންބަރު އަލީ އަބްދުއްލަތީފް ނުފޫޒު ފޯރުވަމުންދާކަން އެނގިއްޖެ އެވެ.

ޔަޒްމީދުއަކީ ޖޭއެސްސީއަށް ރައީސް މުހައްމަދު މުއިއްޒު އައްޔަނުކޮށްފައިވާ މެންބަރެވެ. އަލީ އަބްދުއްލަތީފަކީ ގާނޫނީ ވަކީލުންގެ ތެރެއިން އެ ކޮމިޝަނުގައި އިންނަވާ މެންބަރެވެ.

އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޖޭއެސްސީގެ މި ދެ މެންބަރުން އަންނަނީ ބައެއް ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ގުޅައި، ވަކި ގޮތަކަށް އަމަލުކުރުމަށް އެދެމުންނެވެ.

އެގޮތުން، ކ. މާފުށީ ކޯޓުގައި ހިނގި މުއްދަތުގެ މަޖިލީހަކާއި، ފެމިލީ ކޯޓުގައި މި އަހަރު ހިނގި މައްސަލައަކާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ގުޅައި "މަތިން އަންގައިގެން" ކަމަށް ބުނެ ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވާ ކަމަށް އަދަދު ނޫހާ މައުލޫމާތު ހިއްސާކުރި މަސްދަރުތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

ޔަޒްމީދު މުހައްމަދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރީ ފެބްރުއަރީ 23، 2025، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރުމަށްފަހު އެވެ.

ފަނޑިޔާރުގޭގެ ކަންކަން މަތިކޮށްފައިވާ ޖޭއެސްސީގެ ނައިބު ރައީސްކަން ޔަޒްމީދުއަށް ލިބުނީ ނައިބު ރައީސްކަމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދު އެ ކޮމިޝަނަށް އައްޔަނުކުރެއްވީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.

ޔަޒްމީދަކީ އެކައުންޓަންޓެކެވެ. އޭނާއަކީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ ގޮތުގައި އުފަން ރަށް ކަމަށްވާ ގއ. ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެވެ.

އަލީ އަބްދުއްލަތީފު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރީ ޑިސެމްބަރު 12، 2023، ގަ އެވެ.