about 2 hours 0
އޭސީސީގެ ރައީސް އާދަމް ޝާމިލް: ފަނޑިޔާރުންގެ މައްސަލަ އޮތީ ކޮމިޝަނުގައި ތާށިކޮށްފައި -- ފޮޓޯ: އޭސީސީ
about 2 hours 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުން ވަކި ކުރި ފަނޑިޔާރުންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަދިވެސް ނުނިންމާކަން އެނގިއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އާއި އަޒްމިރާލްދާ ޒާހިރުގެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފެށީ ފެބްރުއަރީ، 2024، ގަ އެެވެ. އެ މައްސަލަ ބަލަން ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި އޮއްވަ އެވެ.
މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މެއި، 2024، ގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔާ ހިލާފަށް ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ ވަކިކޮށްފަ އެވެ.
އޭސީސީ އިން ބުނެފައި ވަނީ ތަހުގީގު ކުރަމުންދަނީ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ކަމަށެވެ. އޭގެ ތަފުސީލެއް ނުދެ އެވެ. މަހާޒް އާއި އަޒްމިރާލްދާއަށް ތުހުމަތު ކުރެވުނީ ދަށު ކޯޓުގެ މައްސަލައަކަށް ނުފޫޒު ފޯރުވި ކަމުގެ މައްސަލައެކެވެ. ސުއޫދުގެ މައްޗަށް ތުހުމަތު ކުރީ ހައި ކޯޓުގެ ރަޖިސްޓްރާ ޒިންމާދާރު ކުރުވަން ވާހަކަ ދެއްކެވި މައްސަލައެކެވެ.
ސުޕްރީމް ކޯޓުން ހުސްވި ތިން މަގާމަށް ސަރުކާރުން މިހާރު ވަނީ ފަނޑިޔާރުން ހަމަޖައްސައިފަ އެވެ. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.
Comment