ދިވެހިރާއްޖޭގެ ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީ އަށް އިންތިހާބުކުރި ފަނޑިޔާރު ހަސަން ޝަފީއު އެ މަގާމަށް އައްޔަނުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ 8، ގައި ހައިކޯޓުން ޖޭއެސްސީއަށް އިންތިހާބުކުރި ޝަފީއުއަށް މަގާމުގެ ފަތްކޮޅު އެރުވީ އޭގެ 45 ދުވަސް ފަހުން މިއަދެވެ. އޭނާއާ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
އެ ކޮމްޕޮޒިޝަނަށް ބަލާއިރު މަޖިލިސް ރައީސް އަބްދުއްރަހީމް، މެންބަރު ހުސްނީ މުބާރިކު، ޔަޒްމީދު، ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ މުއިއްޒުއަށް ވަފާތެރި މެންބަރުންނެވެ.
ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު އެ ކޯޓަށް އައްޔަނުކުރެއްވީ މުއިއްޒު އެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ ބާރު ވެސް ނަންގަވައި އެ މަގާމަށް މުހައްމަދު މުޖުތާޒު ވެސް އައްޔަންކުރެއްވީ މުއިއްޒު އެވެ.
ގާނޫނީ ވަކީލުން ތަމްސީލުކުރާ އަލީ އަބްދުއްލަތީފްއާ މެދު ވަކީލުންގެ ނުރުހުން އެބައޮތެވެ. އާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ އިދުރީސް ފައުޒީއަކީ މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުންނެވެ.
Comment