20 ނޮވެންބަރު 2025 - 12:55 0
ލީވާން އަލީ ނާސިރު
20 ނޮވެންބަރު 2025 - 12:55 0
މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ދިރާގުން ހާސިލުކޮށްފި އެވެ.
"ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ މި ސެޓިފިކޭޝަނުން ސާވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިހްތިރާމާއި، ކުންފުންޏާމެދު ފަހުރުވެރިވާ މިންވަރު އަދި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިންކުރެ އެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ދިރާގަށް ލިބުމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއްއޮތްކަމާއި، މުވައްޒަފުންގެ އިހްސާސްތައް އަޑުއަހާ މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން ކަމަށެވެ.
"މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މި ވަނީ ސާބިތުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރ، އަޒްހާ ޒަމީރު ވިދާޅުވީ ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
ރާއްޖޭގައި "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކުރި މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނި ދިރާގުން ވަނީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ.
ޖުމްލަ 99.9 ޕަސަންޓު ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ ދިރާގަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑާޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.
Comment