Advertisement

އެމްއެންޑީއެފް އެއާ ކޯ ގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ގާއިމުކޮށްފި

5 ނޮވެންބަރު 2025 - 19:01 0

ގަން އެއާ ސްޓޭޝަން ހުޅުވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ގައްސާން: މި އަހަރުގެ ތެރޭގައި އުތުރުގައި ގާއިމުކުރާ އެއާބޭސް ށ. ފުނަދޫގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


އެމްއެންޑީއެފް އެއާ ކޯ ގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ގާއިމުކޮށްފި

5 ނޮވެންބަރު 2025 - 19:01 0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެއާ ކޯ އިން ބޭޏުންކުރާ ގޮތަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ އަތޮޅު ގަމުގައި މިއަދު ހުޅުވައިފި އެވެ.

އައްޑޫގައި ގާއިމުކުރި އެއާ ސްޓޭޝަން ގާއިމުކުރާކަން އިއުލާނުކުރީ، ނަސްރުގެ ދުވަހު ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. މި އެއާ ސްޓޭޝަން ހުޅުއްވައިދެއްވީ، އައްޑޫގެ ރަށްތަކަށް މުއިއްޒު މި ވަގުތު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެއާ ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަގައިގައި މުއިއްޒު ވަނީ މި ސްޓޭޝަނާއެކި ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލިއްޔަތު އެތައް ގުނައެއް އިތުރުވެގެން ދާނެ ކަަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ރައީސް ކަމުގެ ހުވާކުރެއްވި ދުވަހު އިޝާރާތްކުރެއްވި "ފަލަ ރަތް ރޮނގު" ކަށަވަރުކުރުމުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއަދު މި ހުޅުވިގެން ދިޔަ އެއާ ސްޓޭޝަނަކީ މި ގޮތުން ވަރަށް މުހިންމު އިންފްރާސްޓްރަކްޗާ ވަސީލަތެއް. އަދި މުޅި ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމުގައި އެއާ ކޯއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ގަން އެއާ ސްޓޭޝަނުގެ އިތުރުން އުތުރުގައި، ށ. ފުނަދޫގައި ގާއިމުކުރާ އެއާ ސްޓޭޝަން ވެސް މި އަހަރު ތެރޭގައި ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އަސްކަރިއްޔާއަށް އިތުރު ވަސީލަތްތައް ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގަން އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދެއްކި ޕްރެޒެންޓޭޝަނުގައި އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި އެއާ ސްޓޭޝަން ގާއިމުކުރެވިގެން މި ދަނީ "ތާރީހީ ގޮތުންނާއި، ޖޯގުރަފީގެ ގޮތުންނާއި، އިސްތިރާޖީ ގޮތުން" (ސްޓްރެޓެޖިކަލީީ) މުހިންމު ސަރަހައްދެއްގައި ކަމަށެވެ.

އެމްއެންޑީއެފްއިން ގެންގުޅޭ "ޓީބީ2" ޑްރޯންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެއާ ސްޓޭޝަނުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އޭޕްރަންއަކާއި، ޒަމާނީ ވަސީލަތްތައް ހިމެނޭ ހޭންގަރެއްގެ އިތުރުން ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައި ވެ އެވެ. މި ތަނުގެ ހުރިހާ މަސައްކަތެއް ކުރީ ސިފައިން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައި ވެ އެވެ.

އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަރުކާރުން މި ފަހުން ގެނައި އާ ޑްރޯންތައް ވެސް ހުރީ ދައްކާލަން ފަހަތުގައި ބަހައްޓާފަ އެވެ. އެއާ ކޯގެ ޑްރޯން ފްލީޓުގައި މިހާރު ހަ ޑްރޯން އެބައޮތެވެ.

މީގެ ކުރިން އަދަދު އިން ވާނީ މި ޑްރޯންތައް ގެނައި ކަމާއި ޑްރޯން މަރުކަޒު އައްޑޫގައި ގާއިމުކުރާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ތުރުކީން ޑްރޯންތަކެއް ގަނެ، ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އުފެއްދީ މާޗު 15، 2024 ގަ އެވެ. މިއަދާ ހަމައަށް ފުރަތަމަ ގެނައި ޑްރޯންތައް އޮޕަރޭޓުކުރަމުންދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެއަށްފަހު މިދިޔަ މަހު އެމްއެންޑީއެފްގެ ބޭނުމަށް ހަމަ އެ ކުންފުނިން އިތުރު ތިން ޑްރޯން ވަނީ ގެނެސްފަ އެވެ. ދެ ފަހަރު މަތިން ވެސް ގެނައީ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯން ތަކެކެވެ.