Advertisement

ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން އެމްޑީޕީން ހުށަހަޅައިފި

3 ނޮވެންބަރު 2025 - 21:27 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އޮކްޓޫބަރު 3، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސް އަޅަނީ -- ފޮޓޯ: އަދަދު


ހުއްދަ ނަގައިގެން ނޫނީ އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން އެމްޑީޕީން ހުށަހަޅައިފި

3 ނޮވެންބަރު 2025 - 21:27 2

ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އުވައިލަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއިލް ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގަށް ހުރަސް އަޅައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ބިލު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި މީކާއިލް ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓްރީއިން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ހޯމް މިނިސްޓްރީން އޭރު ކަނޑައަޅާފައި އޮތީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި މާލޭގެ ކަނިވާ ސަރަހައްދަށް ކަމަށެވެ.

އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ އަމަލު ކުރަންޖެހޭ ގާނޫނެއް ނޫން ކަމަށެވެ. އެއްވެ އުޅުމުގެ ހައްގު ހިފެހެއްޓުމަށް ފާސްކުރި އެ ގާނޫނު އުވައިލުމަކީ 2018 ގައި ވެރިކަމަށް އައި އެމްޑީޕީގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެހެންނަމަވެސް ވެރިކަން ނިމުމާ ހަމައަށް ވެސް އެ ގާނޫނު އުވާލައިފައެއް ނުވެ.

އެމްޑީޕީގެ ވެރިކަމުގައި އެ ގާނޫނަށް އަމަލު ކުރާތީ، އެކަމަށް ވަރަށް ބޮޑަށް މިހާރުގެ ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅުން، ފާޑުވިދާޅުވަމުން ގެންދެވި އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގާނޫނު އުވައިލާނެ ކަމަށް މިހާރުގެ ބަންޑާރަނައިބު، އަހުމަދު އުސާމް ވެސް އޭރު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަަނުއްވައިފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެ ގާނޫނު އުވައިލަން ހިމަނާފައިވެ އެވެ.

ނަމަވެސް ވެރިކަމަށް އައުމަށްފަހު ޕީއެންސީން ވެސް އެ ގާނޫނު އުވައިލަން މިހައިތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ކުރި ކަމަކީ ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ތަންތަނުގެ ތެރެއަށް ތިން ތަނެއް އިތުރު ކުރުމެވެ. ހުއްދަ ހޯދުމަކާ ނުލައި މިހާރު އެއްވެވެނީ ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑުގެ އިތުރުން ކުރިން ވެސް އެއްވެ އުޅެވޭ ގޮތަށް ކަނޑައަޅާފައި އޮތް ކާނިވަލަށެވެ.

އޮކްޓޫބަރު 15، ގައި މަޖިލީހަށް ހާޒިރުކޮށް އެއްވެ އުޅުމުގެ ގާނޫނު އުވައިލުމާ ގުޅޭގޮތުން އުޝާމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އާދެ. މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަ ހިމެނިފަ އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމަ އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ގާނޫނު އުވައިލާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، ސަރުކާރާއި ދެކޮޅަށް މާލޭގައި ކުރި އެކި މުޒާހަރާތައް ވަނީ ރޫޅާލާފަ އެވެ. އޭގެތެރެއިން މި އަހަރު އެކަނި ވެސް ނޫސްވެރިން، ޒުވާނުން، އަދި އިދިކޮޅު އެމްޑީޕީން ބޭއްވި ވަކިވަކި މުޒާހަރާތައް ރޫޅާލައި މީހުން ހައްޔަރުކޮށް ބައެއް މީހުންނަށް ދައުވާ ވެސް އުފުލި އެވެ.