18 ފެބުރުވަރީ 2026 - 21:53 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މާދަމާ އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި
18 ފެބުރުވަރީ 2026 - 21:53 0
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް ބައްދަލުވުމެއް މާދަމާ ބާއްވަން ހަމަޖެހިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މާދަމާ ރޭ 22:00 ޖަހާއިރު ބާއްވާ ބައްދަލުވުމުގައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގައުމީ މަޖިލިސް މެންބަރުންގެ ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން މާދަމާ ރޭ ބާއްވާ ބައްދަލުވުމުގައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އެމްޑީޕީން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެ ޕާޓީން މިހާތަނަށް ރަސްމީކޮށް ދެ އިންތިހާބު އެއްކޮށްލުމާ ގުޅިގެން ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ނަމަވެސް ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރިއިރު ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީގެން ގެންދިޔަ އެވެ.
އެ ބައްދަލުވުމަށް އެމްޑީޕީން ހާޒިރުވުމަށްފަހު ބައްދަލުވުން ދޫކޮށް ނިކުތީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ޕާޓީ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމަން ފުރުސަތު ނުދީ ކުއްލިއަކަށް ކޮމިޓީއަށް ކިޔުމުން ކަމަށާއި އެކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށް ބުނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ އެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.
އެ ސުވާލަށް ރައްޔިތުންގެ ތާއިދު އޮތްކަމަށް ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 4، ގަ އެވެ. އެ ދުވަހު ފެންނަ ނުފެންނަ ވޯޓު ވެސް ނެގުމަށްފަހު، ދެ އިންތިހާބުގެ ނަތީޖާ އެއްކޮށް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
Comment