19 ފެބުރުވަރީ 2026 - 16:38 1
މުހައްމަދު ޝަހްޒާން
މީގެ ކުރިން އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ޒާޔާ ވާހަކަދައްކަނީ -- ފޮޓޯ: އެމްޑީޕީ
19 ފެބުރުވަރީ 2026 - 16:38 1
ހުޅުމާލެ އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު، ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ކެމްޕޭން ޕޯސްޓަރުތައް ބެހެއްޓުމުގެ ހުއްދަ ނުދީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިގު ދަންމަމުންދާ ކަމަށް އޭނާ ބުނެފި އެވެ.
ޒާޔާ ބުނީ ހުޅުމާލޭގައި އޭނާގެ ޕޯސްޓަރު ބެހެއްޓުމުގެ ހުއްދަ ހޯދުމަށް މި މަހުގެ 14 ވަނަ ދުވަހު އެޗްޑީސީއަށް މެއިލްކުރި ކަމަށެވެ. އެހެންނަމެވެސް އެ މެއިލްއަށް އެތައް ދުވަހެއް ފާއިތުވީއިރު ވެސް ޖަވާބެއް ނުދީ ތިބުމަށްފަހު އެ ވާހަކަ ސޯޝަލްމީޑިއާގައި ދައްކަން ފެށުމުން، މެއިލް ލިބުނު ކަމަށް ބުނެ މިއަދު އެޗްޑީސީން ޖަވާބެއް ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޕޯސްޓަރު ހަރުކުރަން ބޭނުންވާ ހުއްދަ ހޯދަން ހުށަހެޅިތާ އެތައް ދުވަހެއް މިވީ، އެކަމަކު އެއްވެސް ޖަވާބެއް ނުދޭ، އަޅުގަނޑުގެ ކެމްޕޭން މެނޭޖަރު ގުޅީމާ ބުނަނީ މަތިން ހިފަހައްޓާފައޭ އޮތީ، އެ ވާހަކަ ސޯޝަލްމީޑިއާގައި ދައްކަން ފެށީމާ މިއަދު އެ ފޮނުވީ އަދި، މެއިލް ލިބުނު ކަމުގެ މެސެޖު ވެސް،" ޒާޔާ ބުންޏެވެ.
އެމްޑީޕީގެ ޕޯސްޓަރުތައް ޖެހުމުގެ ހުއްދަ އެޗްޑީސީން ނުދީ ހިފަހައްޓާފައި އޮތް ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ޖެހުމަށް ހުޅުމާލޭގެ މުހިންމު ސަރަހައްދުތަކުގައި ދަގަނޑު ހޮޅި ޖަހަމުންދާ ކަމަށް ޒާޔާ ބުންޏެވެ.
"މި ތަނުގެ މުހިންމު ތަންތަން ރިޒާވް ކުރަމުން ދަނީ ޕީއެންސީ ކެންޑިޑޭޓުން، ހޮޅި ޖަހާ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ، ސަރުކާރުން ބޭނުންނުވާ ބަޔަކަށް ހުއްދަ ނުދީ ނުހިފެހެއްޓޭނެ، މިއީ އިންތިހާބީ ހައްގަށް އަރައިގަތުން،" ޒާޔާ ބުންޏެވެ.
ޒާޔާ ބުނީ އޭނާގެ އިންތިހާބީ ހައްގަށް ސަރުކާރުން އަރައިގަނެ ކެމްޕޭނަށް ހުރަސް އަޅަމުންދާނަމަ، އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ. އަދި ހުއްދަ ނުދީ ލަސް ކުރަމުންދާ ނަމަ، ޝަރީއަތަށް ދާނެ ކަމަށް ބުނެ އެޗްޑީސީއަށް ވެސް އޭނާގެ ކެމްޕޭން ޓީމުގެ ފަރާތުން އަންގާފައިވާނެ ކަމަށް ޒާޔާ ބުންޏެވެ.
Comment