Advertisement

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީން ފާސްކޮށްފި

20 ފެބުރުވަރީ 2026 - 00:50 1

އަމަން ހަލީމް

އަމަން ހަލީމް

އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިން ބޭއްވި ބައްދަލުވުމެއް: ރެފަރެންޑަމް ވޯޓަށް ނޫނެކޭ ބުނަން ފާސްކުރީ ގައުމީ މަޖިލީހުގެ އިއްތިފާގުން --- ފޮޓޯ: އަދަދު


ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީން ފާސްކޮށްފި

20 ފެބުރުވަރީ 2026 - 00:50 1

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގޮތަށް ނިންމީ ފެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރުމަށް ފަހުގަ އެވެ.

މީކައިލްގެ ގަރާރުގައި އޮތީ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ކުރިން މަޝްވަރާ ނުކުރުމާއި، އަވަސް އަރުވާލައިގެން ފާސްކުރުމާއި ވޯޓު ނަގަން އެކަށީގެންވާ މުއްދަތެއް ނެތް މައްސަލަ އެވެ. މި ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ދެ އިންތިހާބު އެއްކޮށްލަން ދެކޮޅު ހަދާ ސަބަބެއް ކަމަށް ބުނީ ސަރުކާރުގެ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން މި މަސައްކަތް ކުރަން އުޅުމެވެ.

މި މައްސަލައިގައި ފުރަތަމަ ވާހަކަ ދެއްކެވި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ސަރުކާރުންނަށް ރައްޔިތުންނަށް އޮޅުވާލައިގެން ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރަމުންގެންދާ ކަމެއް ކަމަށެވެ. ސަރުކާރުން މަގުސަދަކީ، އޭނާ ތުހުމަތު ކުރާ ގޮތުގައި، ރައްޔިތުންގެ ބަސް ބުނަން އޮތް މަގުތައް ހަނިކޮށް، ބަންދުކުރުމެވެ.

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެ އިންތިހާބު އެއްކޮށްލައިފި ކަމަށް ވަންޏާ، ފަސް އަހަރުގެ ތެރޭގައި އެއް ފަހަރު ބަސް ބުނުމަށް ފަހު ރައްޔިތުން ދެން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން، ބަސް ބުނުމުގެ އެއްވެސް ފުރުސަތެއް، ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކައިގައި، މި ވަރުގެ ބަދަލެއް ގެންނަން ސަރުކާރުން ބޭނުންވާއިރު ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އެ ޕާޓީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލު ވެސް ފާހަގަކުރެއްވި ކަންބޮޑުވުމެކެވެ.

ނާޒިލު އެންމެ ބޮޑަށް ފާޑުވިދުވީ މި ބަދަލު ގެންނަން ސަރުކާރުން ދައްކާ ހަރަދު ކުޑަކުރުމުގެ ހުއްޖަތަށެވެ. ސަރުކާރުން ބުނަނީ ދެ އިންތިހާބު އެއްކޮށްލައިގެން 80 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. ނާޒިލު ވިދާޅުވީ މިއީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނާ ހިސާބަށް ނުގޮސް ކަންކަން ނިންމަން ކޮށާ މަގެއް ކަމަށެވެ. އަދި، މިކަމުގައި ސަރުކާރުން ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ހިސާބަށް މިފަދަ ކަމެއް އަންނަންޏާ، މީގެ ދެ ފުށް ފެންނަ ގޮތަށް، ކުރިއަށް އޮތް ތަނުގައި ވެގެން ދާނެ ކަންތަކާއި، މިއާ ގުޅިގެން ކަންތައް ހިނގައިދާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދޭން އެބަޖެހޭ،" ނާޒިލު ވިދާޅުވި އެވެ.

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ގައުމީ މަޖިލީހުން ފާސްކުރުމުގެ ކުރިން ވެސް އެމްޑީޕީން ހިފަހައްޓަމުން އައީ ދެކޮޅު ސްޓޭންޑެކެވެ. މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން ވަނީ މި ބިލު ފާސްކުރި ދުވަހު އިހުތިޖާޖު ވެސް ކުރި އެވެ.

ދެ އިންތިހާބު އެއްކޮށްލާ ރިފަރެންޑަމް ވޯޓު ނަގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނަ ދުވަހުގަ އެވެ.