Advertisement

އިންސްޓޯލްމަންޓު އެއްބަސްވުން ހެދުމުން ބޮޑު ވިޔަފާރިތަކުގެ އެކައުންޓުތައް ވެސް ދޫކުރެވޭ ގޮތް ހަދައިފި

26 އޮކްޓޯބަރު 2025 - 14:15 0

އަމަން ހަލީމް

އަމަން ހަލީމް

މީރާގެ މައި އިދާރާ ހުންނަ އިމާރާތުގެ ބޭރުން ބަޔަކު ހިނގާފައި ދަނީ: އިންސްޓޯލްމަންޓުގެ ދަށުން ލުއިތައް ދިނުމުގެ ބާރު ލިބެނީ ޓެކްސް ކޮމިޝަނަރަށް --- ފޮޓޯ: އަތޫފް އާތިފް/އަދަދު


އިންސްޓޯލްމަންޓު އެއްބަސްވުން ހެދުމުން ބޮޑު ވިޔަފާރިތަކުގެ އެކައުންޓުތައް ވެސް ދޫކުރެވޭ ގޮތް ހަދައިފި

26 އޮކްޓޯބަރު 2025 - 14:15 0

ނުދައްކައި ހުރި ޓެކްސްތައް ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ އެކީ އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭ ލުއި ބޮޑު ވިޔަފާރިތަކަށް ވެސް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މީރާއިން ގެންގުޅޭ "އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު" ގެ ދަށުން، އިންސްޓޯލްމަންޓު އެއްބަސްވުމުގައި ބަޔާންކުރާ ކޮމިޓްމަންޓް ޕޭމަންޓު ދެއްކުމުން ނޫނީ އެ ވަރަށް ފައިސާ އެކައުންޓުން ނެގުމަށް ފަހު، އެކައުންޓު ދޫކޮށްލުމުގެ އިހުތިޔާރު ޓެކްސް ކޮމިޝަނަރަށް ލިބެ އެވެ. ކުރިން އުސޫލުގައި އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަނި މި ލުއި ދެވޭ ގޮތަށެވެ.

ނަމަވެސް، އިންސްޓޯލްމަންޓް އުސޫލަށް ގެނައި ބަދަލުގައި ވަނީ ވަކި ގިންތިތަކެއްގެ ވިޔަފާރިތަކަށް ލުއި ދެވޭ ގޮތަށް އޮތް އިބާރާތް ބަދަލުކޮށް، ޓެކްސް ކޮމިޝަނަށް އިހުތިޔާރީ ބާރުތަކެއް ދީފަ އެވެ.

މީރާގެ އުސޫލުގައި ބަދަލު ގެނައި އަނެއް މާއްދާއަކީ ތަކުރާރުކޮށް އިންސްޓޯލްމަންޓް ޕްލޭންތައް ދިނުމާ ގުޅޭ މާއްދާއަށް ވެސް ބަދަލު ގެނެސްފަ އެވެ. މިއީ މީރާއިން މި އަހަރުގެ ކުރީކޮޅު އުސޫލަށް ބައެއް ބަދަލުތައް ގެނައިއިރު، އިތުރުކުރި މާއްދާއެކެވެ.

ކުރިން މި މާއްދާގެ އިބާރާތް އޮތީ، އިންސްޓޯލްމަންޓް އެގްރީމަންޓާ އެއްގޮތަށް އަމަލު ނުކޮށްގެން ބާތިލުކުރާ ހާލަތެއްގައި އެ ޓެކްސްތަކާ ގުޅިގެން އާ އިންސްޓޯލްމަންޓް ޕްލޭނަކަށް ދެވޭނީ ކޮމިޓްމަންޓް ޕޭމަންޓުގެ އިތުރުން ދައްކަން ޖެހޭ އަދަދުގެ 50 ޕަސެންޓު ދެއްކުމުން، ތަކުރާރުކޮށް އެއްބަސްވުންތައް ހެދޭ ގޮތަށެވެ. އަދި މި ގޮތުން ދައްކަން ޖެހޭ ނިސްބަތް، އެއްބަސްވުން އިތުރުވާ ކޮންމެ ފަހަރަކު އެ އަދަދު، އެ ނިސްބަތުން އިތުރުވެ އެވެ.

އެކަމަކު، މިހާރު މި ގޮތުން ދައްކަން ޖެހޭ ފައިސާ ވަނީ ފަސް ޕަސެންޓަށް ތިރިކޮށްފަ އެވެ. އަދި އެއްބަސްވުން ތަކުރާރުވާ ކޮންމެ ފަހަރަކު ދައްކަން ޖެހޭ ފައިސާގެ ނިސްބަތް ވެސް އިތުރު ވަނީ މި ވަރަށެވެ.

މީރާއިން އުސޫލުގައި ފާހަގަކުރި މިސާލުގައި ބުނީ ކޮމިޓްމަންޓް ޕޭމަންޓުގެ ގޮތުގައި 25 ޕަސެންޓު ދައްކަން ޖެހޭ ނަމަ އެ އެއްބަސްވުން އުވާލުމަށް ފަހު އާ އިންސްޓޯލްމަންޓް އެއްބަސްވުމެއް ހަދަންޏާ ކޮމިޓްމަންޓު ޕޭމަންޓުގެ ގޮތުގައި 30 ޕަސެންޓު ދައްކަން ޖެހެ އެވެ.

ނުދައްކައި ހުރި ޓެކްސްތައް ދެއްކުމުގެ އިތުރު ލުއިތަކެއް ދޭން މީރާއިން އުސޫލުތަކަށް ބަދަލު ގެނައިއިރު، ވިޔަފާރިތަކުން ގަވާއިދުން ޓެކްސް ނުދައްކާ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ބޮޑަށް ގޯސްވީ ކޮވިޑުގެ ތެރޭގައި މީރާއިން ދިން ލުއިތަކާ، ހާއްސަކޮށް ތަންފީޒީ ފިޔަވަޅު އެޅުން ހުއްޓާލުމާ، ގުޅިގެންނެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ޓެކުހާއި ޓެކްސް ނޫން ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ނުލިބިވާ އަދަދު 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ނުލިބިވާ ފައިސާގެ ބޮޑު ބަޔެއް ހިއްސާކުރަނީ، ރިސޯޓު ހަދަން ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކާއި ބިންތަކުން ކުލީގެ ގޮތުގައި ލިބެން ޖެހި ނުލިބިވާ، ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި، އެ އިދާރާއިން ވަނީ ތަންފީޒީ ފިޔަވަޅުތަކުން 3.7 ބިލިއަން ރުފިޔާ ހޯދާފަ އެވެ. މި ފައިސާގެ ތެރޭގައި އެކައުންޓުތައް ފްރީޒްކޮށްގެން ހޯދި 109 މިލިއަން ރުފިޔާ ހިމެނެ އެވެ.

މީރާއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގައި އަގުކުރެވޭ އިންސްޓޯލްމަންޓް އެއްބަސްވުންތައް 1،029 ފަރާތަކާ ހެދި އެވެ. އަދި 894 މިލިއަން ރުފިޔާ އެ އިދާރާއަށް ލިބިފައިވެ އެވެ.