Advertisement

އިކުލީލަށް ފަސް ދައުވާއެއް އަދި އަލީ ލަތީފަށް ތިން ދައުވާއެއްކޮށްފި

ޑރ. އަލީ ލަތީފް (ކ) އަދި ޑރ. އިކްލީލް (ވ): އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ކުރުމަށް ވަނީ ނިންމާފައި


އިކުލީލަށް ފަސް ދައުވާއެއް އަދި އަލީ ލަތީފަށް ތިން ދައުވާއެއްކޮށްފި

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހެދި މައްސަލައިގައި އެ ދެ ކުންފުނުނީގެ އިތުރުން އެ ކުންފުނިތަކަށް ނިސްބަތްވާ ޑރ. އިކްލީލް ޝަރީފާއި ޑރ. އަލީ އަބްދުﷲ ލަތީފަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އިއްޔެ ފޮނުވައިފި އެވެ.

2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވާލިކަމުގެ ތުހުމަތުގައި އެ ދެ ކުންފުންޏާއި އިކްލީލް ޝަރީފް އަދި އަލީ އަބްދުﷲ ލަތީފަށް ދައުވާކުރަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ދައުވާތަކެވެ.

މައްސަލައާ ގުޅޭ ދެ ކުންފުނީގެ ވެސް މެޖޯރިޓީ ހިއްސާދާރު އިކްލީލަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ޖުމްލަ ފަސް ދައުވާއެއް ކޮށްފައިވާއިރު، އައިލެންޑް ހެލްތު ސޮލިއުޝަންސްގެ 50 ޕަސަންޓު ހިއްސާ އޮންނަ އަލީ ލަތީފަށް ކުރީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެކެވެ.

މައްސަލައިގައި ދައުވާކުރާ އިކްލީލާއި އަލީ ލަތީފަށް ކުށް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައެޅުމަށް ކޯޓުގައި އެދެން ޕީޖީން ވަނީ ނިންމާފަ އެވެ.

އައިލެންޑް ހެލްތު ސޮލިއުޝަންގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ތިން ދައުވާއެއް ކޮށްފައިވާއިރު، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާވެސް ވަނީ ކޮށްފަ އެވެ.

އޭގެއިތުރުން ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ދެ ދައުވާއެކެވެ.

މައްސަލައިގައި ދައުވާކުރި ދެ ކުންފުނިން 20.20 މިލިއަން ރުފިޔާ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މައްސަލަ ސާބިތުވާ ހާލަތުގައި ޓެކްސް ދެއްކުމުން އެއްކިބާވި ކަމަށް ތުހުމަތު ކުރެވޭ އަދަދުގެ ދެ ގުނައަށްވާ 40.40 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުމަށް ކޯޓުގައި އެދެން ޕީޖީން އޮތީ ނިންމާފަ އެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ކޮވިޑުގެ ތިން އަހަރު ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސްއަށް ގިނަ އަދަދެއްގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

ޕައިނިއާ މޯލްޑިވްސް އިން ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ގަތުމަށް 43.17 މިލިއަން ރުފިޔާ ލޭންޑް އިކިއުޒިޝަން ކޯސްޓްގެ ގޮތުގައި މީރާއަށް ދައްކާފައިވާކަން ފާހަގަކުރެވޭ ކަމަާއި އެ ފައިސާއަކީ ކުންފުނި އުފެދުނު ފަހުން ދެ އަހަރު ނުވަނީސް އަދި އިތުރު ކްރެޑިޓް އެރޭންޖްމަންޓެއް ނެތި ކުންފުނިން ދައްކާފައިވާ ފައިސާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު މިރާއިން ފެށީ ކޮވިޑް-19 ގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑުވި ދުވަސްވަރު އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ދެ ކުންފުނިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވިގެންނެވެ.

މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ އްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް ދައްކަން މީރާ އިން ވަނީ އަންގާފަ އެވެ.

އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި ޑރ. އަލީ ލަތީފަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2024 ވަނަ އަހަރު ޕީޖީއަށް ފޮނުވި އެވެ.

ޑރ. އަލީ ލަތީފްގެ މައްޗަށް މަނީ ލޯންޑާކުރިކަމުގެ ތުހުމަތު އަމާޒުވި މައްސަލަ އޭސީސީން 2024 ވަނަ އަހަރު ފުލުހުންނަށް ވެސް ފޮނުވި އެވެ. ޓެކުހަށް އޭނާ މަކަރު ހެދި ކަމަށް ތުހުމަތުކުރެވިގެން އެ މައްސަލަ މީރާއަށް ފޮނުވީ ވެސް އޭރެވެ.