Advertisement

ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ޑރ. އިކްލީލާއި ޑރ. އަލީ ލަތީފަށް ދައުވާކުރަން ފޮނުވައިފި

ޑރ. އަލީ ލަތީފް (ކ) އަދި ޑރ. އިކްލީލް (ވ): ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާއިން ވަނީ ދެ މީހުންނަށް ވެސް ދައުވާކުރަން ފޮނުވާފައި


ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ޑރ. އިކްލީލާއި ޑރ. އަލީ ލަތީފަށް ދައުވާކުރަން ފޮނުވައިފި

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހެދި މައްސަލައިގައި އެ ދެ ކުންފުނުނީގެ އިތުރުން ޑރ. އަލީ އަބްދުﷲ ލަތީފާއި ޑރ. އިކްލީލް ޝަރީފަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުވާކުރަން ފޮނުވި ޑރ. އިކްލީލަކީ ދެ ކުންފުނީގައި ވެސް ހިމެނޭ ޑިރެކްޓަރަކަށްވާއިރު، ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތު ސޮލިއުޝަންގެ ޑިރެކްޓަރެއް ކަމަށެވެ.

"މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާ ކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. ޢަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވޭ،" އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތުހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މައްސަލަ ދިމާވި މުއްދަތުގައި އެ ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީން އަލީ ފަޔާޒްގެ މައްޗަށް ވެސް ދައުވާކޮށްދޭން މީރާއިން ވަނީ އެދިފަ އެވެ.

މީރާއިން ބުނީ މި މައްސަލައިގެ ތަހުގީގު ފެށީ ކޮވިޑް-19 ގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑުވި ދުވަސްވަރު އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ދެ ކުންފުނިން މީރާއަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވިގެން ކަމަށެވެ.

ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް އިން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ފާހަގަކުރެވިފައިވާކަން މީރާއިން ބުންޏެވެ.

މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ އްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން ވަނީ އަންގާފަ އެވެ.

އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި ޑރ. އަލީ ލަތީފަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2024 ވަނަ އަހަރު ޕީޖީއަށް ފޮނުވި އެވެ.

ޑރ. އަލީ ލަތީފްގެ މައްޗަށް މަނީ ލޯންޑާކުރިކަމުގެ ތުހުމަތު އަމާޒުވި މައްސަލަ އޭސީސީން 2024 ވަނަ އަހަރު ފުލުހުންނަށް ވެސް ފޮނުވި އެވެ. ޓެކުހަށް އޭނާ މަކަރު ހެދި ކަމަށް ތުހުމަތުކުރެވިގެން އެ މައްސަލަ މީރާއަށް ފޮނުވީ ވެސް އޭރެވެ.