Advertisement

ޗައިނާ ކުންފުންޏާއެކު ހެދި އެމްއޯޔޫއަށް ހުރުމަތްތެރިކޮށް ނުހިތާ ލ. މެރިޓައިމް ހަބު ތަރައްގީ ކުރާނެ ބަޔަކު އަލުން ހޯދަނީ

21 އޮކްޓޯބަރު 2025 - 11:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ލ. މެރިޓައިމް ހަބުގެ މަޝްރޫއު ކުުރިއަށް ގެންދަން އެމްޕީއެލް އިން ޗައިނާ ކުންފުންޏާއެކު އެމްއޯޔޫގައި ސޮއިކުރަނީ ---- ފޮޓޯ: ރައީސް އޮފީސް


ޗައިނާ ކުންފުންޏާއެކު ހެދި އެމްއޯޔޫއަށް ހުރުމަތްތެރިކޮށް ނުހިތާ ލ. މެރިޓައިމް ހަބު ތަރައްގީ ކުރާނެ ބަޔަކު އަލުން ހޯދަނީ

21 އޮކްޓޯބަރު 2025 - 11:55 0

ޓްރާންސްޝިޕްމަންޓު ބަނދަރަކާއި ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މީގެ ދޮޅު އަހަރު ކުރިން ޗައިނާގެ ކުންފުންޏަކާ ތަރައްގީކުރަން ހަވާލުކޮށްފައި އޮތް ލ. މެރިޓައިމް ހަބު މަޝްރޫއުގެ އެމްއޯޔޫއަށް ހުރުމަތްތެރިކޮށް ނުހިތާ އެ މަސައްކަތް ކުރާނެ ބަޔަކު އަލުން ހޯދަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ފޮނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސަރުކާރުން އެމްއޯޔޫއެއްގައި ސޮއިކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު އެވެ.

އެޕްރީލް 11، 2024، ގައި ސަރުކާރުގެ ކުންފުނި އެމްޕީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. ނަމަވެސް، މަޝްރޫއުގެ އެއްވެސް ކަމެއް މި ފާއިތުވި ދޮޅު އަހަރުގެ ތެރޭ ކުރިއަށް ނުދެ އެވެ.

ރޭ ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން އެ އިއުލާނު ކުރީ ޖުލައި 8، ގަ އެވެ.

"އަޅުގަނޑުމެން މިހާރު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އަށް ހުޅުވާލައިގެން، އެކި ފަރާތްތައް ކުރިމަތިލައިގެން އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ އެކީގަ އެއްބަސްވުމަކަށް އައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް އެބަ ހިނގާ. ވަރަށް ބާރަށް،" މުއިއްޒު ވިދާޅުވި އެވެ.

ކުރިން ސޮއިކުރި އެމްއޯޔޫ އާއި އެ ކުންފުނީގެ ވާހަކަ ނަން ވެސް މުއިއްޒު ނުގަންނަވަ އެވެ.

މި ކުންފުންޏަކީ ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ބްލެކްލިސްޓު ކޮށްފައިވާ ކުންފުންޏެއްކަން ކަށަވަރުވެ އެ ހަބަރު ވެސް މި ނޫހުން ވާނީ މީގެ ކުރިން ގެނެސްދީފަ އެވެ. ދެ އެ ކުންފުންޏަށް ހަވާލުކުރި ކައްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މާޝްރޫއު ރޭ ވަނީ އެމްއޭސީއެލް އާއި ހަވާލުކޮށްފަ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ފޮނަދޫ އަދި ހިމާޔަތްކޮށްފައިވާ ލ. ގާދޫގަ އެވެ. މަޝްރޫއުގައި އަމަލީ އެއްވެސް ސިފައެއް ޖެހިފައި ނުވަނީސް، ގާދޫ އަދި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޓްރާންޝިޕްމަންޓު ބަނދަރު ތަރައްގީކުރުމަށް އެކުގައި މަސައްކަތް ކުރަން ރާއްޖެ އަދި އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ.

ގާދޫ އިންޓަގްރޭޓެޑް މެރިޓައިމް ހަބުގައި ޓްރާންސްޝިޕްމަންޓު ބަނދަރުގެ އިތުރުން ކްރޫޒް ޓާމިނަލަކާއި ޔޮޓު މެރީނާއެއްގެ އިތުރުން އީކޯ ރިސޯޓެއް ވެސް ތަރައްގީކުރާނެކަން ސަރުކާރުން ކުރިން އިއުލާންކުރި އެވެ.

ގާދޫގައި މި މަޝްރޫއު ކުރިއަށް ގެންދާތީ ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ގިނަ ބަޔަކު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ރަށުގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހައި އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނަ އާއި 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ.

މި ރަށް ހިމާޔަތް ކުރުމަށް ކުރީ ސަރުކާރުން ޑިސެމްބަރު 21، 2021، ގައި ނިންމި އެވެ. މަޝްރޫއު ކުރިއަށް ގެންދާނަމަ މި ރަށުގެ ވެށްޓަށް އިޔާދަނުކުރެވޭނެ ގެއްލުން ކުރިމަތިވާނެ އެވެ.