Advertisement

ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެތީ ޝާހިދުގެ ކަންބޮޑުވުން

19 އޮކްޓޯބަރު 2025 - 22:23 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެތީ ޝާހިދުގެ ކަންބޮޑުވުން

19 އޮކްޓޯބަރު 2025 - 22:23 1

ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކު ލައްވައި ފައިސާ ޗާޕުކުރުމުން ދިވެހި ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ބުނީ މި މުއާމަލާތް ކުރިއަށް ގެންދަނީ އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ، ޕެންޝަން ފަންޑަށް އިންވެސްޓުކުރުމުން، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.

ޝާހިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑުގެ ދުވަސްވަރާ ހިލާފަށް މިފަދަ ކަމެއް މިވަގުތު ކުރުމަށް ހާލަތެއް ނެތް ކަމަށެވެ. އަދި، މިކަން ކުރަން ޖެހޭ ސަބަބު ސަރުކާރަށް ސާފު ނުކޮށްދެވޭއިރު މިކަމުގެ ސަބަބުން އެތަކެއް ހިރާސްތަކެއް ކުރިމަތިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އިންފްލޭޝަން އިތުރުވާނެ، ދިވެހި ރުފިޔާގެ އަގު ދަށްވާނެ، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވާނެ، އާހިރުގައި އިގުތިސޯދީ ހަމަޖެހުމަށް އަސަރުކާރުނެ. އަދި މިއީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމަނާފައިވާ ލިމިޓުތަކާ ހިލާފަށް ކުރާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މިކަން ނުކުރުމަށް އެމްއެމްއޭއަށް ގޮވާލާފަ އެވެ. އޭނާގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވެސް ވަނީ އެމްއެމްއޭގެ ނިންމުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މި މުއާމަލާތްތައް ކުރިއަށް ގެންދަން ފެންނަ ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޕެންޝަން އޮފީސް، އެމްއެމްއޭ އަދި ސަރުކާރުން ވެސް އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ.

ފައިސާ ޗާޕްކުރުމަކީ، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ދިވެހި އިގުތިސޯދަށް ފައިސާ ނެރުމެވެ. އެހެންވެ، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓުކޮށް، ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ދިނުން، ފައިސާ ޗާޕްކުރުމަށް ވާނެ އެވެ.

މި އަހަރު ކުރީކޮޅު 14 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅުނީ، ހުޅުމާލޭން ބޮޑު ބިމެއް އެމްއެމްއޭއަށް ގަނެ، އެ ބިމުގެ އަގުގެ ގޮތުގައި އެ ފައިސާ ދޭ ގޮތަށެވެ. އެކަން މަޑުޖެހުނީ އިންތިހާއަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.

އެ ފަހަރު ފައިސާ ޗާޕްކުރަން އެމްއެމްއޭއިން ނިންމުމުން އެ އިދާރާގެ ބޯޑުގެ ދެ މެންބަރަކު އިސްތިއުފާ ދިނެވެ. ފައިސާ ޗާޕްކޮށްފި ނަމަ ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝިދު އޭރު ވިދާޅުވި އެވެ.

މުއިއްޒު ތަންފީޒުކުރައްވަން ފެއްޓެވި ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ސިޔާސަތާ ގުޅިގެން މިހާރު ޑޮލަރުގެ އަގު 20ރ. އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މުދަލުގެ އަގު ދަނީ އުފުލެމުންނެވެ. އަދި ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިމަތިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.