Advertisement

މިސްރުގެ ފޮރިން މިނިސްޓަރާ ހަލީލް ބައްދަލުކުރައްވައިފި

18 އޮކްޓޯބަރު 2025 - 20:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް (ވ) މިސްރުގެ ފޮރިން މިނިސްޓަރާ (ކ) ބައްދަލުކުރެއްވުން: ދެ ގައުމުގެ ގުޅުން ބަދަހިކުރަން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި -- ފޮޓޯ: ފޮރިން މިނިސްޓްރީ


މިސްރުގެ ފޮރިން މިނިސްޓަރާ ހަލީލް ބައްދަލުކުރައްވައިފި

18 އޮކްޓޯބަރު 2025 - 20:37 0

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިސްރަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތަހްރީރު ޕެލެސްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް ދެ ވަޒީރުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ހަލީލް ވަނީ މިސްރު ސަރުކާރުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދެއްވާ މަތީ ތައުލީމުގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ބައްދަލުކުރެއްވުމުގައި ހަލީލް މަޝްވަރާ ކުރެއްވި އެވެ.

މީގެއިތުރުން ވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިސްރުގައި ބޭއްވި ގާޒާ ސުލްހައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިސްރުން އަދާކުރި ދައުރަށް ހަލީލް ޝުކުރު އަދާކުރެއްވި އެވެ.

މީގެއިތުރުން ވެސް ބައިނަލްއަގްވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްގީ އާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދު އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.