about 2 hours 0
ސާއިފް ޝިޔާދު
ރައީސް މުއިއްޒު އަދި ފޮރިން މިނިސްޓަރު ހަލީލް
about 2 hours 0
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައަށް 10 ދުވަސްވެފައި ވަނިކޮށް އެންމެފަހުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ހަމަލާތައް ކުށްވެރިކޮށް ރަސްމީ ބަޔާނެއް ނެރެފި އެވެ.
ޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތައް ރާއްޖޭން ކުށްވެރި ނުކުރާތީ ރައީސް މުހައްމަދު މުއިއްޒު މާޗު ދޭއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އޭރު ވެސް ސަރުކާރުން މި ހަމަލާތައް ރަސްމީކޮށް ކުށްވެރިކޮށްފައެއް ނުވެ އެވެ.
އެ ދުވަހު މުއިއްޒު ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން ދޭ ހަމަލާތައް ގޯސް ކަމަށާއި "ހުރިހާ ފަރާތެއް ވެސް ގޯސް" ކަމަށެވެ. އިރާނުން ރައްދުގައި އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ދެކޮޅުކަން އެ ދުވަހު މުއިއްޒު ހާމަކުރެއްވި އެވެ.
މިއަދު ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވެސް އެންމެ ފުރަތަމަ ކުށްވެރިކޮށްފައި އޮތީ އިރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކެވެ. އިރާނުން ހަމަލާ ދެމުން އަންނަނީ އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދެމުން އަންނާތީ އެވެ.
އިރާނުން އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކުރި އެވެ. ގަލްފުގެ ގައުމުތަކުން ރައްދު ހަމަލާތައް ނުދެނީސް އިރާނުން ހަމަލާދޭތީ ހިތާމަކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާން
އެ ވާހަކަތަކަށް ފަހު އެ ބަޔާނުގައި ވަނީ އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"އަންހެން ކުދިންގެ ސްކޫލަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ ރައްކާކުރާ ތަންތަނަށް ދީފައިވާ ބޮޑެތި ގެއްލުންތައް ހިމެނޭހެން، މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގަލްފުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުން މަސައްކަތް ކުރާނީ އަރަބި އިސްލާމީ ގައުމުތަކާއެކު ކަމަށް މީގެ ކުރިން އޮތީ ހާމަކޮށްފަ އެވެ. އިރާނަކީ ވެސް ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ.
ހަމަލާތަކާ ގުޅިގެން ނެރުނު ފުރަތަމަ ބަޔާނުގައި އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރުން ގެނެސްފައި ނުވެ އެވެ.
Comment