Advertisement

މި ފަހަރު ގެނައި ޑްރޯންތަކުގެ އަގަކީ 90 މިލިއަން ޑޮލަރު: ވަހީދު

18 އޮކްޓޯބަރު 2025 - 08:40 6

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު. -- ފޮޓޯ: އަދަދު


މި ފަހަރު ގެނައި ޑްރޯންތަކުގެ އަގަކީ 90 މިލިއަން ޑޮލަރު: ވަހީދު

18 އޮކްޓޯބަރު 2025 - 08:40 6

އަލަށް ގެނައި އަސްކަރީ ޑްރޯންތައް ގަތުމަށް 90 މިލިއަން ޑޮލަރު (ކަޅު ބާޒާރުގެ އަގުން ނަމަ 1.8 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17 ގައި މާލޭގައި ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް ރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވަހީދު ވިދާޅުވީ މިފަދަ ގިނަ ޑްރޯންތަކެއް މުއިއްޒު ހޯއްދަވަނީ "ކޮންތާކަށް ބޮން އަޅަން ކަމެއް ނޭނގޭ" ކަމަށެވެ.

ތުރުކީން ފުރަތަމަ ތިން ޑްރޯން ގަތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި އޮއްވައި، 37 މިލިއަން ޑޮލަރަށެވެ. ނަމަވެސް މިފަހަރު ތިން ޑްރޯން ގެންނަނީ 90 މިލިއަން ޑޮލަރަށް ކަމަށް ވަހީދު ވިދާޅުވި އެވެ.

ޑްރޯން ޝިޕްމެންޓު ގެނައި މަތިންދާ ބޯޓު އައްޑޫ ގަން އެއާޕޯޓުގައި.


"އަޅުގަނޑުމެން ޔޫކުރޭން ހާލަތަށް ވެއްޓުނީ ކޮން އިރަކުތޯ. ޓޭންކަރާ ޑްރޯނާއި ބަރު ހަތިޔާރު ގެންނަ ހިސާބަށް ރާއްޖެ ވެއްޓުނީ ކޮންއިރަކު ކޮންތޯ، މިއީ ކޮން ކަމެއްތޯ،" ވަހީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ވެރިކަމުގައި މިހިރީއަކީ މިދެންނެވި ކޮމަން ސެންސަކަށް ވެސް ގަބޫލުކުރެވޭ ޒާތުގެ މީހެއް ނޫން. އެއްވެސް ކަހަލަ ތެދުވެރި ކަމެއް ހުރި މީހެއް ނޫން."

އާ ޑްރޯންތަކުގެ ޝިޕްމެންޓުތައް އައްޑޫ އަށް ގެނައީ ރެޔާއި ބުދަ ދުވަހުގެ ރޭގަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބަހެއް ވިދާޅުވެއެއް ނުވެ އެވެ. އަދި ކުރިން ގަތް ޑްރޯންތަކުގެ މައުލޫމާތާއި އަގުރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާ މިދަނޑުވަޅުގައި އަގުބޮޑުކޮށް ޑްރޯން ގަންނައިރު، ދައުލަތުގެ އެހެން ހަރަދުތައް ކުރަން ފައިސާ ނެތް ކަމަށާއި އާންމު ރައްޔިތުންގެ ނިކަމެތިކަން ވެސް ބޮޑުވަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ނެތެވެ.

މީގެ ކުރިން ގަތް ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމަށް ސަރުކާރުން ކުރި ހަރަދު ވަނީ ސިއްރުކޮށްފަ އެވެ. ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ޑިފެންސުން އެދިގެން ސިއްރުކުރި އެވެ.

މުއިއްޒު ވަނީ އާ ޓޭންކަރުތަކެއް ވެސް ގެނެސްފަ އެވެ. އަދި ތުރުކީން މަނަވަރެއް ވެސް ރާއްޖެ އަށް ހަދިޔާކުރި އެވެ.