Advertisement

އެމެރިކާއިން ރާއްޖެއަށް މެރިޓައިމް ސެކިއުރިޓީ އާލާތްތަކެއް ހަދިޔާކޮށްފި

30 ސެޕްޓެންބަރު 2025 - 09:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމެރިކާއިން ރާއްޖެއަށް މެރިޓައިމް އާލާތްތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމެރިކާ އެމްބަސީ


އެމެރިކާއިން ރާއްޖެއަށް މެރިޓައިމް ސެކިއުރިޓީ އާލާތްތަކެއް ހަދިޔާކޮށްފި

30 ސެޕްޓެންބަރު 2025 - 09:50 0

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑުގެ ސަލާމަތީ އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ކަނޑުގެ ސަލާމަތީ އާލާތްތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

"އެމްއެންޑީއެފްއަށް ހަދިޔާކުރި ކަނޑުގެ ސަލާމަތީ އާލާތްތަކާއެކު އެމެރިކާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ. އަޅުގަނޑުމެން އެކުގައި މިއަދު މި ބިންގާ އަޅަނީ މާދަމާގެ ސަލާމަތާއި ރައްކާތެރިކަމުގެ،" އެމެރިކާ އެމްބަސީން ކުރި ޕޯސްޓުގައި ބުންޏެވެ.

އެމެރިކާއިން ހަދިޔާކުރި އާލާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިން އާލާތްތަކާއި ޕާސަނަލް ގިޔާގެ އިތުރުން އޮޕަރޭޝަނަލް އިކުއިޕްމަންޓު ހިމެނެ އެވެ.

އެމެރިކާއިން ހަދިޔާކުރި އާލާތްތަކާއެކު އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމެރިކާއިން އެމްއެންޑީއެފްއަށް ހަދިޔާކުރި އާލާތްތައް ހަވާލު ކޮށްދެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ އާލާތްތަކާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.

ބަންޑާރަކޮށީގެ އޮޑިޓޯރިއަމްގައި އޮތް އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމެރިކާގެ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިޔުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނަށް މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ތަމްރީނު ޕްރޮގުރާމުތައް ހިންގައިފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަނޑުމަތީގެ އޮޕަރޭޝަންތަކާއި ސަލާމަތްތެރިކަމަށް މުހިންމު، ސީވިޝަން އެޕްލިކޭޝަން ބޭނުން ކުރާ ދިވެހި ސިފައިންނަށް ވެސް އެ ގައުމުން ވަނީ ތަމްރީނު ޕްރޮގުރާމެއް ހިންގައިފަ އެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމުރީނުގައި ދިވެހި 21 މީހަކު ބައިވެރިވި އެވެ. އެއީ 17 ސިފައިން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހަތަރު މުވައްޒަފުންނެވެ.

އޭގެފަހުން އޭޕްރިލް މަހުގެ ތެރޭގައި އެ ގައުމުން ވަނީ ދިވެހި ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ވެސް ފަށައިފަ އެވެ. އެ ޕްރޮގުރާމުގެ ފުރަތަމަ ބެޗުގައި ކަސްޓަމްސް ގެ 12 އޮފިސަރުންނާއި އިމިގްރޭޝަންގެ 12 އޮފިސަރުން އަދި 11 ފުލުހުން ބައިވެރިވި އެވެ.