Advertisement

އިރާނަށް ބިރުދައްކަން އެމެރިކާއިން އިތުރު އެއާކްރާފްޓު މަނަވަރެއް ފޮނުވަނީ

14 ފެބުރުވަރީ 2026 - 09:05 0


އިރާނަށް ބިރުދައްކަން އެމެރިކާއިން އިތުރު އެއާކްރާފްޓު މަނަވަރެއް ފޮނުވަނީ

14 ފެބުރުވަރީ 2026 - 09:05 0

އިރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅިގެން އެމެރިކާއިން ކުރާ މަސައްކަތްތައް ވަރުގަދަކުރުމުގެ ގޮތުން، މެދުއިރުމައްޗަށް ދެވަނަ އެއާކްރާފްޓް ކެރިއަރެއް ފޮނުއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔޫއެސްއެސް ޖަރާޑް އާރު. ފޯޑު ވަރަށް އަވަހަށް ކެރީބިއަން ސަރަހައްދު ދޫކޮށް މެދުއިރުމައްޗަށް ފުރާނެ ކަމަށެވެ. މިހާރު ވެސް މެދުއިރުމަތީގައި ޔޫއެސްއެސް އަބްރަހަމް ލިންކަން އެބަ އޮތެވެ.

މިދިޔަ ހަފުތާގައި އޮމާންގައި ބޭއްވި ނުރަސްމީ މަޝްވަރާތަކަށް ފަހު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެން ބޭނުންވެއްޖެ ނަމަ، ވަރަށް ބޮޑު ލަޝްކަރެއް ތައްޔާރީ ހާލަތުގައި އޮންނާނެ" ކަމަށެވެ.

އިރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއީ އިރާނަށް "ވަރަށް ބަދު ނަސީބު ދުވަހަކަށް" ވާނެ ކަމަށް އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން، އިރާނުގެ ސަރުކާރު ބަދަލުވުމަކީ "އެންމެ ރަނގަޅު ގޮތް" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އިރާނުގައި ދާދިފަހުން ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް، އެތައް ހާސް ބަޔަކު މަރާލާފައިވާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މިދިޔަ ޖޫން މަހު އިރާނާއި އިޒްރޭލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި، އެމެރިކާއިން ވަނީ އިރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައެވެ.

ޔޫއެންގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވި ގޮތުގައި، ހަނގުރާމައިގައި ހަމަލާދިން ސައިޓްތައް ބަލައި ފާސްކުރުމަށް އިރާނުން އަދިވެސް އެއްބާރުލުން ނުދެއެވެ. ގަލްފުގެ އަރަބި ގައުމުތަކުން ވަނީ، މިފަދަ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ.