about 12 hours 0
ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވައިޓް ހައުސްގެ ޕްރެސް ބްރީފިން ރޫމުގައި -- ފޮޓޯ: އޭޕީ
about 12 hours 0
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުޅި ދުނިޔެއަށް ކަނޑައެޅުއްވި ޓެރިފްތައް އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން، އެ ކޯޓަކީ "ލަދުވެތި" ތަނެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނަމަވެސް، އެހެން ގާނޫނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ޓެރިފްތައް ދަމަހައްޓަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކޯޓުގެ ލިބަރަލް މެންބަރުންނަކީ "ގައުމަށް ހުރި ލަދެއް" ކަމަށާއި، އޭނާއާ ދެކޮޅަށް ވޯޓު ދެއްވި ކޮންޒަވޭޓިވް ފަނޑިޔާރުންނަކީ ގާނޫނުއަސާސީއަށް "ވަފާތެރިނޫން" ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މި ނިންމުމާއެކުވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވީ، 1962 ވަނަ އަހަރުގެ "ޓްރޭޑް އެކްސްޕެންޝަން ގާނޫނު" ގެ ދަށުން ޓެރިފްތައް ކުރިއަށް ގެންދިއުމުގެ ގާނޫނީ ބާރު އެމަނިކުފާނަށް އެބައޮތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" ބޭނުންކޮށްގެން، ކޮންގްރެސްގެ ހުއްދަނެތި ޓެރިފް ނެގުމުގެ ބާރު ރައީސަށް ލިބިގެންނުވާ ކަމަށެވެ. ފަނޑިޔާރުން ބާރުއެޅުއްވީ އާންމު ހާލަތްތަކުގައި ޓެރިފް ކަނޑައެޅުމުގެ ބާރު އޮންނަނީ ހަމައެކަނި ކޮންގްރެސްއަށް ކަމަށެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވީ، ކޯޓުން ބާތިލްކުރި ޓެރިފްތަކުގެ ބަދަލުގައި، 1962 ގެ ގާނޫނުގެ ދަށުން 150 ދުވަހުގެ މުއްދަތަށް ހުރިހާ ގައުމަކަށް 10 ޕަސެންޓުގެ ޓެރިފްއެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި އިންސާފުވެރި ނޫން ވިޔަފާރީގެ މުއާމަލާތްތައް ތަހުގީގުކުރުމަށްފަހު، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އިތުރު ޓެރިފްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އޮކްސްފޯޑް އިކޮނޮމިކްސްގެ އަންދާޒާތަކުން ދައްކާގޮތުގައި، މި ޓެރިފްތަކުން 2026 އިން 2035 އާ ދެމެދު 3.6 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވުނެވެ. އެހެންކަމުން މި ނިންމުމަކީ ޓްރަމްޕްގެ އިގްތިސާދީ އެޖެންޑާއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. ކޯޓުގެ ނިންމުމާއެކު، އެމެރިކާގެ އެވްރެޖް ޓެރިފް ރޭޓް 12.7 ޕަސެންޓުން 8.3 ޕަސެންޓަށް ވަނީ ދަށްވެފައެވެ.
Comment