Advertisement

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

23 ސެޕްޓެންބަރު 2025 - 13:47 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

23 ސެޕްޓެންބަރު 2025 - 13:47 2

މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގާ ގައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ދެ ބިދޭސީން ހުޅުމާލެއިން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޝަމިމް މިއާ، 37 އާއި އަލައުއްދީން، 22، ކަމަށެވެ.

އެ ދެ ބިދޭސީން ހައްޔަރުކުރީ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.

"އެ ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނިފައިވޭ. މީގެ އިތުރުން، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާ އާއި ޑޮލަރު ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

އެ ގައުމީ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުން ފެށި އޮޕަރޭޝަނެކެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެއިން ފެށިގެން ކުރިއަށްދާއިރު، ގާނޫނާ ހިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހިން ހޯދައި ފިޔަވަޅު އެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.