Advertisement

އިންތިހާބާ ދިމާކޮށް އަނެއްކާވެސް މަސް ގަންނަ އަގު 20ރ. ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

22 ސެޕްޓެންބަރު 2025 - 12:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މ. ދިއްގަރު ރައްޔިތުންނާ މުހާތަބުކުރައްވައި މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


އިންތިހާބާ ދިމާކޮށް އަނެއްކާވެސް މަސް ގަންނަ އަގު 20ރ. ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

22 ސެޕްޓެންބަރު 2025 - 12:42 0

މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރާނެ ކަމަށް ވިދާޅުވެ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު މ. ދިއްގަރަށް ވަަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ބައެއް ވައުދުތަކަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދޭ ކަމެއް ނޫން ކަމަށެވެ.

"ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20ރ. އޭ ބުނީމާ އަދި އެކަމެއް ނުއެއްވޭ، އެހެންވީމާ ހަމަ އެކަން ވެސް ހާސިލު ކުރުމަށްޓަކައި މިދަނީ ވަރަށް ބައިވަރު މަސައްކަތްތަކެއް އިންޑަސްޓްރީ ތެރެއިން މިނިސްޓްރީ އާއި އަދި މިފްކޯ އާއި ދެން ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީގައި ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ވެސް އަޅުގަނޑުމެން ހަމަ ހާސިލު ކުރާނެ ކަމެއް އިރާދަކުރެއްވިއްޔާ، އެކަމަށްޓަކައި ވަރަށް ބައިވަރު މަސައްކަތް ކުރަމުންދާ ކަމެއް، އެހެންވީމާ ކުއްލިއަކަށް ފުރަތަމަ ދުވަހު ފަށައިގަނެވޭ ގޮތަށް ހުންނަ ކަންކަމެއް ނޫން ބައެއް ކަންކަމަކީ."

މުއިއްޒު ވިދާޅުވީ ކަންކަމުގެ ތަފުސީލަށް ދިޔައީމާ އެކަން އޮންނަ ގޮތް ވަރަށް ބޮޑަށް ސާފުވެގެންދާ ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަންކަން ނުދިޔުމަކީ ވައުދު ނުފުއްދުން ނޫން ކަމަށެވެ.

އޭގެ މިސާލު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަން އަހަރުދުވަސް ނެގި ކަމަށެވެ. އެހެންކަމުން މަސް ގަންނަން ލިބޭ އަގު 20ރ. އަށްވުރެ ދަށް ނުކުރުމުގެ ވައުދު ވެސް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހަމައެގޮތަށް މި 20ރ. ގެ ކަންތައް ވެސް ހަމަ އިރާދަކުރެއްވިއްޔާ މިދަނީ ތަރުތީބު ކުރަމުން، އިރާދަކުރެއްވިއްޔާ އެކަން ވެސް ހަމަޖެހިގެންދާނެ، ހަމަޖައްސަން މި މަސައްކަތް ކުރަނީ މެދު ނުކެނޑި ދެން ދާނެ ގޮތަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަހުގެ އަގު އުޅެނީ 25 ރުފިޔާގަ އެވެ. އެކަމަކު، ޖޫން، 2024، ގައި ރައީސް ސަރުކާރުން ވަނީ މަހުގެ އަގުން 36 ޕަސެންޓު ކަނޑާލައިފަ އެވެ. މިހާރު އެންމެ ބޮޑުކޮށް ވެސް މިފްކޯއަށް ކަޅުބިލަމަސް ގަންނަނީ 16 ރުފިޔާ އަށެވެ.

އޮކްޓޯބަރު، 2024، ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން މަހުގެ އަގު ތިރި ކުރީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ވިދާޅުވީ މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދުނިޔޭގެ ބާޒާރުގައި އަގު ހުންނަ ގޮތަށް ބަލާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މި ސަރުކާރުން މި ދަނީ. މަހުގެ އަގު އެއީ ދުނިޔޭގެ ބާޒާރާ ގުޅިގެން ކަނޑައެޅޭ އަގަކަށް ވާންޖެހޭނެ. އެހެން ނޫނިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ. މަހުގެ އަގަށް އެއިރު ބަދަލު އަޅުގަނޑުމެން ނުގެނައިނަމަހީ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް، [ހިންގަން] ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭނީ،" ޝިޔާމް ވިދާޅުވި އެވެ.

މަހުގެ އަގު ދަށް ނުކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަދުވެގެން ފަސް ފަހަރު ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ހުރިހާ ފަހަރަކު ވެސް ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށެވެ. މަސްވެރި ރަށްރަށަށް ވަޑައިގެން ހާއްސަކޮށް އެ ވާހަކަ ދެއްކެވި އެވެ. އެގޮތުން މ. ދިއްގަރާއި ޅ. ނައިފަރާއި ކ. ގާފަރުގައި ރައީސް އެ ވައުދުވެވަޑައިގެންނެވި އެވެ.

އޯގަސްޓު 19، 2023 (މ. ދިއްގަރު)

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން."

އޯގަސްޓު 31، 2023 (ޅ. ނައިފަރު)

"ދެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން އޮންނާނީ އިއުލާންކޮށްފައި މިހާރު ރޯމަސް ގަންނަ އަގު އެންމެ ކުޑަ އަގެއްގެ ގޮތުގައި 20 ރުފިޔާ ހަމަ ޖައްސާނެ ވާހަކަ، ކިލޯއަކަށް."

ސެޕްޓެމްބަރު 5، 2023 (ކ. ގާފަރު)

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނ،ީ އެއް ކަމަކަށް އަޅުގަނޑު މިހާރު ވާނީ ބާނާ މަހުގެ އަގުގެ ވާހަކަ އިއުލާން ކޮށްފައި. އެއީ ހަމަ ތަކުރާރުކޮށްލަން، 20 ރުފިޔާ އެއީ މިނިމަމް އަގުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާ އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން."

ސެޕްޓެމްބަރު 6، 2023 (އާސްކް މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅައިގެން މިއުޅެނ،ީ މުޅި މަސްވެރިކަމުގެ ސިނާއަތް އެއްކޮށް ނަގާ ކޮޅަށްޖެހުމުގެ ހުށަހެޅުމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނީ އެގޮތަށް. އެއް ކަމަކީ ތިޔަ ވިދާޅުވި އަގުގެ ވާހަކަ. އަގު އަޅުގަނޑުމެންގެ ޓާގެޓަކ،ީ ރޯމަސް އަގު، މިނިމަމް ކިލޯގެ އަގު 20 ރުފިޔާއަށް. 20 ރުފިޔާއަކީ މިނިމަމް އަގު ކަމަށް. ދެން ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ ނުވަތަ އޭ-ގްރޭޑް ވެއްޖިއްޔާ 100 ރުފިޔާއަށް. އެކަހަލަ އަގުތަކެއް ހުންނާނެ ހުށަހަޅާފައި."

ސެޕްޓެމްބަރު 28، 2023 (ވަން ޓު ވަން ރައްޔިތުންނާއެކު ޑރ. މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅަނީ ހެޔޮ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމެއް. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ޓާގެޓަކީ 20 ރުފިޔާ މިނިމަމް އަގުގެ ގޮތުގައި ހިފެހެއްޓުމޭ."