Advertisement

ސަބްސްޓޭޝަނަކަށް ގެއްލުން ދިނުމުން ރޭ ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ކަރަންޓު ކެނޑުނު

21 ސެޕްޓެންބަރު 2025 - 17:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިނަރެސް ފްލެޓްތައް: ރޭ ވިނަރެސް ހިމެނޭ ގޮތަށް ފޭސް 2 ގެ ގިނަ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު -- ފޮޓޯ: އަދަދު


ސަބްސްޓޭޝަނަކަށް ގެއްލުން ދިނުމުން ރޭ ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ކަރަންޓު ކެނޑުނު

21 ސެޕްޓެންބަރު 2025 - 17:41 0

ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ރޭ ހުޅުމާލެ ފޭސް 2 ގެ ޓަވަރުތަކުން ކަރަންޓު ކެނޑުނު ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ރޭ ދަންވަރު 3:30 ހާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަމަށެވެ.

"ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފްވެގެން،" ސްޓެލްކޯއިން ބުންޏެވެ.

ނެޓްވޯކް ފީޑާގެ ބައެއް އޮފްވެގެން ފޭސް 2 އިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ޓަވަރުތަކަށް އަނބުރާ ކަރަންޓު ދެވުނީ 4:56 ގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެ ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ މިކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް،" ސްޓެލްކޯއިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ފަހަކަށް އައިސް ކަރަންޓު ކެނޑޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ތިން މަހެއްހާ ދުވަސް ތެރޭގައި މުޅި ހުޅުމާލެ އާއި މާލެއިން ދެ ފަހަރެއްގެ މަތިން ކަރަންޓު ކެނޑުނެވެ.