21 ސެޕްޓެންބަރު 2025 - 09:46 1
ލީވާން އަލީ ނާސިރު
ހަލީލް އާއި ތޯރިގު އެމެރިކާއަށް ފުރާވަޑައިގަތުން -- ފޮޓޯ: ފޮރިން މިނިސްޓްރީ
21 ސެޕްޓެންބަރު 2025 - 09:46 1
އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެމެރިކާގެ ނިއުޔޯކަށް މިއަދު ފުރާވަޑައިގެންފި އެވެ.
ނިއުޔޯކަށް ހަލީލް އާއި ތޯރިގް ކުރައްވާ ދަތުރުގައި މަތީފަންތީގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެއިތުރުން އަންނަ އަންގާރަ ދުވަހުގައި އދ. ގެ 80 ވަނަ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ހަލީލް އާއި ތޯރިގު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ ޕެނަލް ޑިސްކަޝަނުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް 10 އަހަރު ފުރުމާއި، ޕެރިސް އެގްރީމަންޓްގެ ދަށުން ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލާނެ އެވެ.
މިދިޔަ އަހަރު ބެއްވި އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ރައީސް މުހައްމަދު މުއިއްޒު އެވެ. މުއިއްޒުގެ އަރިހުގައި އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވީ އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަރަމަންޓް މިނިސްޓަރު ތޯރިގު އެވެ.
މިި އަހަރުގެ އދ. ގެ އަހަރީ އާންމު ޖަލްސާގައި މުއިއްޒު ބައިވެރިވެވަޑައިނުގެންނެވީ ކީއްވެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
Comment