Advertisement

އެޗްއާރުސީއެމްގެ މެންބަރުކަމަށް މަގުސޫމް އާއި ޝަފީގު އައްޔަނުކޮށްފި

8 ސެޕްޓެންބަރު 2025 - 12:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ބޭފުޅުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


އެޗްއާރުސީއެމްގެ މެންބަރުކަމަށް މަގުސޫމް އާއި ޝަފީގު އައްޔަނުކޮށްފި

8 ސެޕްޓެންބަރު 2025 - 12:45 0

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ދެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރީ މުހައްމަދު ޝަފީގު މަހްމޫދު، މ. ޕޮޕީ، އާއި އަހުމަދު މަގުސޫމް، ސ. ހުޅުދޫ އެވެ. އެ ދެ ބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ މަޖިލީހަށް ފޮނުއްވީ މުހައްމަދު ޝަފީގު މަހްމޫދު އާއި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން ގެ ނަމެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާ ވަރަށް ވޯޓު ލިބުނީ ޝަފީގުއަށް އެކަންޏެވެ.

އެޗްއާރުސީއެމްއަށް ޝަފީގު އައްޔަނުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ޝަފީގަކީ އިންސާނީ ހައްގުތަކާ ބެހޭ ދާއިރާއަކުން ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އޭނާ އަތުގައި އޮތީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ސެޓިފިކެޓެކެވެ.

އޭނާ ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއޯއޯ ކަމާއި ސީއެފްއޯ ކަމާއި އައިޖީއެމްއެޗްގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެކުލަވާލި "މޯލްޑިވްސް ބިލްޑިންގް އެންޑް ކޮންސްޓްރަކްޝަން ބޯޑު" ގައި ވެސް އޭނާ ހިމެނުނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނު ކުރަން ދެވަނަ ފަހަރަށް މަޖިލީހަށް މުއިއްޒު ފޮނުއްވީ މަގްސޫމްގެ އިތުރުން އަމީރާ ނައީމް، ހ. ގުރުސް އާއި ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަންބަރު ދރ 72 އެވެ. އެ ތިން ބޭފުޅުންގެ ނަން ވެސް ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް މަގުސޫމް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއަކީ އެޗްއާރުސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.