Advertisement

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ހެދި ބާރަށު ޕްރީ ސްކޫލަށް ޓީޗަރަކު ނުނެގިފައި

7 ސެޕްޓެންބަރު 2025 - 14:24 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހއ. ބާރަށުގެ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: އަދަދު ފައިލް


ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ހެދި ބާރަށު ޕްރީ ސްކޫލަށް ޓީޗަރަކު ނުނެގިފައި

7 ސެޕްޓެންބަރު 2025 - 14:24 1

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ހއ. ބާރަށު ޕްރީ ސްކޫލަށް ޓީޗަރަކު ނެގުމުގެ މަސައްކަތް ވެސް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ބާރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް އޯގަސްޓު 15، ގައި ގެނައި އިސްލާހުތަކާ ގުޅިގެން އެ ކައުންސިލުން ކުރަންޖެހޭ އެތައް މަސައްކަތެއް މަޑުޖައްސައިލަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ ރަށު ޕްރީ ސްކޫލަށް ވަގުތީ ޓީޗަރަކު ނެގުމުގެ މަސައްކަތާއި ކައުންސިލުގެ އިދާރާއަށް ކައުންސިލް އޮފިސަރެއް ނެގުމުގެ މަސައްކަތުގެ އިތުރުން ބާރަށުގެ އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ހުއްޓާލަން ޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. އަދި ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން ވެސް އެ އިސްލާހުން ވަނީ މަނާކޮށްފަ އެވެ.

ބާރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ އެކި ބޭނުންތަކަށް އެ ކައުންސިލުން ދޫކުރަން ނިންމާފައިވާ ބިންތައް ދޫކުރުމުގެ މަސައްކަތް ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަން، ގެސްޓުހައުސް އެޅުމަށް ބިން ދޫކުރުމާއި ވަރުވާއަށް ބިން ދޫކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބާރަށު ކައުންސިލުން ބުންޏެވެ.

އިއުލާނު ނިންމައިލަމުން ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ހުއްދަ ލިބުމުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ބާރަށުގެ އިތުރުން ތ. ވަންދޫގެ މިސްކިތަކަށް މުވައްޒަފުން ނެގުމާއި އެ ރަށު ޕްރީ ސްކޫލަށް ޓީޗަރެއް ނެގުމުގެ މަސައްކަތާއި ށ. ކަނޑިތީމުގެ ކުނިކޮށްޓާއި ގަބުރުސްތާނު އަދި އިޖުތިމާއީ ސަރަހައްދުތައް ސާފު ކުރަން މުވައްޒަފުން ނެގުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ދެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން ބަޔާން ނެރި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތައް

ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް

  • އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
  • އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
  • ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
  • ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން

ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް

އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން

މާލީ ކަންކަމަށް ނުފޫޒު ފޯރުވުން

ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން

ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން

ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން

ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން

ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން

ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން

މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.