Advertisement

ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވާންޖެހޭ: މުއިއްޒު

about 2 hours 0

ރައީސް މުހައްމަދު މުއިއްޒު: އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި -- ފޮޓޯ: ރައީސް އޮފީސް


ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވާންޖެހޭ: މުއިއްޒު

about 2 hours 0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި މުއިއްޒު ވިދާޅުވީ، ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ތަރައްގީ ހޯދައިދިނުމުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީ އާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވަމުން ދިޔުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އެގޮތުން ކައުންސިލްތަކުން ވިޔަފާރި ކުރުމާއި މުވައްޒަފުން ނެގުމާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން ކުރިން ލިބިފައި އޮތް ހައްގުތައް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.

މުއިއްޒުގެ ހިތާބުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ހިދުމަތްތައް ޒަމާނުއްސުރެ ފޯރުކޮށްދީފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމަށެވެ.

"ޖިއޮގްރަފީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެ ވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދެއްވާފައި ވަނީ ލާމަރުކަޒު ކުރެވިގެން ކަމުގައި، ވޭތުވެދިޔަ ޒަމާންތަކުގެ ކަންހިނގާފައިވާ ގޮތަށާއި، އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބަ އޮތް،" ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް އޭޕްރީލް 4، ގައި ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު، އެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް ވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، އިދިކޮޅުގެ ކެންޑިޑޭޓުންނަށް ރިޝްވަތު ދިނުމާއި އެކި ކަންކަމާ ގުޅުވައި، ރައްޔިތުންނަށް ފައިސާ ބެހުން އިތުރުވެފައިވާކަމުގެ ޝަކުވާ ދަނީ އިވެމުންނެވެ.