5 ސެޕްޓެންބަރު 2025 - 08:24 2
ރޫޙުލްއަމީން ޢަބްދުﷲ
5 ސެޕްޓެންބަރު 2025 - 08:24 2
އަހަރެމެންގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެފާނު ރިވާކުރައްވައި ކިޔައިދެއްވައެވެ. ތިމަންނާ އެއްފަހަރަކު ޖަމަލެއް ގަނެފައި އެހެންވެސް މުސްލިމުންނަށް ލިބިފައިވާ ހައްގެކޭ އެއްގޮތަށް ދައުލަތުގެ ދަނޑުން ކާންދީގެން އޭތި ގެންގުޅެން ފަށައިފީމެވެ. އުމަރުގެފާނު މިތަނަށް ކުރެއްވި ޒިޔާރަތެއްގައި ވަރަށް ފަލަ ޖަމަލެއް ދެކެވަޑައިގެން މިއީ ކާކުގެ ޖަމަލެއްތޯ ސުވާލުކުރައްވައިފިއެވެ.
އެއީ ތިމަން ގަނެފައި ދައުލަތުގެ ކޮށިން ކާންދީގެން ބޮޑުކުރި ޖަމަލެއް ކަމަށް ތިމަން ދަންނަވައިފީމެވެ. އަދި އެއީ އެހެންވެސް މުސްލިމުންނަށް އެ ހައްގު އޮތް ފަދައިން ތިމަންނާއަށްވެސް އޮތް ހައްގެއް ކަމުގައި ދަންނަވައިފީމެވެ. އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. ކަންތައް ވެފައި އޮންނާނެ ގޮތަކީ، މި ޖަނަވާރުތަކަށް ކާންދީ އުޅޭ މީހުންނަށް މިއޮއް ފެންނަނީ ޚަލީފާގެ ދަރިކަލުންގެ ޖަމަލުކަން އެނގޭ ހިސާބުން، އެއެންމެންމެ އެ ޖަމަލަށް މާ ހާއްސަ ގަދަރަކާއި ލޯތްބެއް ބަހައްޓައި ކާންދީ ބޮޑުކުރާނީއެވެ. އޭ ޢަބްދުﷲ އެވެ. ތިޔަ ޖަމަލު ވިއްކާލާފައި، ޖަމަލު ގަތް އަސްލު އަގު ނަގާފައި ބާކީ ބައި މުސްލިމުންގެ ބައިތުލް މާލަށް ލާށެވެ.
އުމަރުގެފާނު މިތަނުގައި އަމަލުކުރައްވާފައި މިވާ ގޮތަކީ، ދައުލަތުގެ މުވައްޒަފުންނާއި އެ މުވައްޒަފުންނާ ގުޅުންހުރި މީހުންނަށް މަގާމުގެ ހައިސިއްޔަތާ ގުޅިގެން ލިބިގެންދާ މަންފާތަކާއި ނުސީދާ ފައިދާތަކުގެ އިސްލާމީ ހުކުމް ވަރަށް ސާފުކޮށް އަންގައިދޭ ހާދިސާއެކެވެ.
އިންސާނީ ޙަޟާރަތްތައް އުފަންވީއްސުރެ ބާރުވެރިކަމުގައި ތިބޭ މީހުންނާއި މަގާމުތަކުގައި ތިބޭ މީހުންގެ ކިބައިން ކަންކަން ނުހަމަ މަގުން ހާސިލުކޮށްގަތުމަށް ހަދިޔާދިނުމާއި ނުސީދާ މަންފާ ހޯދައިދިނުމަކީ އިންސާނީ ތާރީހުގެ ދިގު މާޒީއެއް އެކަމުގައި އޮތް ކަމެކެވެ. ނަމުން ހަދިޔާ ނުވަތަ އެނޫންވެސް މޮޅު ކޮންމެވެސް ބާވަތެއްގެ ނަމެއް އެޔަށް ކީ ނަމަވެސް، އެއެއްޗަކީ ރިޝްވަތުގެ ވައްތަރެކެވެ.
މިކަމަކީ އަހަރެމެން މުސްލިމުން އެކަނި މިކަން ސިފަކޮށް މާނަކުރާ ގޮތެއް ނޫނެވެ. ރައްބެއް ރަސޫލެއް ގަބޫލުނުކުރާ އަމިއްލަ ދުނިޔަވީ ފަލްސަފާތަކުގެ މައްޗަށް އުފަންކޮށްފައިހުރި ދައުލަތް ހިންގުމުގެ ނިޒާމުތަކުގައިވެސް އެކި ނަންނަމުގައި އެކި ގޮތްބާވަތުން ދެވޭ ރިޝްވަތު ނުވަތަ މި ކިޔާ ކޮރަޕްޝަނަކީ، ފަސާދައިގެ މަންމަ ކަމުގައި ގަބޫލުކުރެއެވެ. އަދި އެޔާއެކު ރަނގަޅު ވެރިކަމުގެ ނިޒާމަކަށްޓަކައި އެންމެ ބޮޑަށް ހަނގުރާމަކުރެވޭ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުން އެބައިމީހުން ވެސް ގަބޫލުކޮށްފައިވެއެވެ.
އިސްލާމީ އިލްމުވެރިން އެއްބަސްވާގޮތުގައި ހަދިޔާލިބޭ މީހާއަށް ހަދިޔާ ލިބެނީ އޭނާގެ މަގާމުގެ ސަބަބުންކަމަށްވާނަމަ އެކަމުގެ އަސްލު ހުކުމަކީ ހަދިޔާ ދިނުމާއި އެ ހަދިޔާގައި ހިފުން ހަރާންވެގެންވުމެވެ. އަދި ހިފައިފި ނަމަވެސް އެއެއްޗެއް މުސްލިމުންގެ ބައިތުލް މާލަށް ލުމެވެ. އަމިއްލައަށް ބޭނުން ނުކުރުމެވެ. އެހެނީ އެއީ އެޔަށް ކޮންމެ ނަމެއް ކިޔަސް ރިޝްވަތު އެހެންނާ ހިޔާނާތުގެ ތެރެއަށް ވަދެގެން ދާ އެއްޗެކެވެ.
މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "މަސައްކަތްތެރިންނަށް ލިބޭ ހަދިޔާއަކީ ހިޔާނާތެކެވެ." މި ހަދީސްގެ ޝަރަހައިގައި އިލްމުވެރިން ވިދާޅުވާ ވާހަކަތަކަށް ބަލާއިރު މަސައްކަތްތެރިންނަކީ މުސްލިމުންގެ ބައިތުލް މާލުން ވަކި މުސާރައެއް ނުވަތަ އުޖޫރައެއް ދެވިގެން އެމީހުން ލައްވާ ދައުލަތުގެ މަސައްކަތެއް ކުރުވޭ މީހުންނެވެ.
މިކަމުގެ ހުކުމް އޮތްގޮތް އަންގައިދޭ މަޝްހޫރު އަނެއް ހާދިސާއަކީ މާތް ނަބިއްޔާ އެއްފަހަރަކު ޒަކާތް ބަލައިގަތުމަށް ފޮނުވި މީހަކު އައިސް ދެންނެވި ވާހަކައަކަށް އިތުރު އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅެވެ. އެމީހާ އައިސް ދެންނެވި ކަމުގައި ވަނީ ޒަކާތުގެ ގޮތުގައި ލިބުނު ތަކެތި މިހުރީއެވެ. ދެން މިހުރީ ތިމަންނާއަށް ހަދިޔާގެ ގޮތުގައި ލިބުނު ތަކެއްޗެކެވެ. އެހިނދު އިތުރު އެކަލޭގެފާނުގެ މަޝްހޫރު ބަސްފުޅު ހަދީސްކުރެއްވިއެވެ. އޭނާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި އޭނާ ހުރެގެން އެ ތަކެތި އޭނާއަށް ހަދިޔާއަކަށް ލިބޭތޯ ނުވަތަ ނޫންތޯ ބަލާފާނުހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ކަލާނގެ ގަންދީ ހަދީސްކުރައްވަމެވެ. މިބާވަތުން ތިޔަބައިމީހުން ހޯދައިގަންނަ އެއްޗެއް ގިޔާމަތް ދުވަހުން ތިޔަބައިމީހުންގެ ކަރުގައި އެޅުވިގެން ނުގެނެވޭނެ ގޮތަކަށް އެކައްޗެއްވެސް ނުނެގޭނެއެވެ.
އިމާމް އިބްނު ޢާބިދީން މިހަދީސްގެ ޝަރަހައިގައި ވިދާޅުވެއެވެ. މާތް ނަބިއްޔާގެ މި ބަސްފުޅުގައި އެ ހަދިޔާގެ ސަބަބަށް ރިއާޔަތްކުރައްވާފައި އޮތުމުން، ވެރިކަމުގެ ސަބަބަށްޓަކައި ލިބޭ ހަދިޔާ ހަރާންވެގެންވާކަމުގެ މައްޗަށް ދަލީލުކުރެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. މި ހަދީސް އިން އެނގޭ ގޮތުގައި، އެމީހަކަށް އެހަދިޔާއެއް ލިބުނީ ވެރިކަމުގެ ސަބަބަށްޓަކައި ނޫން އެހެން ސަބަބެއް ނެތިކަމުގައިވާނަމަ އެ ހަދިޔާއެއް ހަރާންވާނެކަމަށް މި ހަދީސްއިން ދަލީލު ލިބެއެވެ. ހަދިޔާ ދިނުމާއި ބަލައިގަތުމުގެ އާންމު ހުކުމަކީ ހުއްދަވުން ކަމުގައިވިޔަސްމެއެވެ.
މިކަމުގައި ހަރާން ހަލާލް ބަލާނެ މިންގަނޑެއް ބަޔާންކުރައްވައި، އަލްޢައްލާމާ އިބްނު ތައިމިއްޔާ ފާހަގަކުރައްވާ ގޮތުގައި، އޭގައި ބަލާނީ އެމީހަކަށް ލިބޭ ހަދިޔާ އެއީ އޭނާގެ އެހުރި ވެރިކަމެއް ނުވަތަ މަގާމެއް ނެތް ދުވަހަކުންވެސް އޭނާއަށް ލިބިދާނެ ހަދިޔާއެއްތޯއެވެ. ނުވަތަ އޭގެ ކުރިން ވެސް ލިބެމުންދިޔަ އެއްޗެއްތޯއެވެ. އެހެންނަމަ އެއީ ހުއްދަ އެއްޗެއްކަމުގައި ބެލެވިދާނެއެވެ.
އެޔާ ހިލާފަށް އެ ހަދިޔާއަކީ އޭނާގެ ވެރިކަން ނެގޭ ދުވަހަކުން ނުލިބޭނެ އެއްޗަކަށްވާނަމަ އެއެއްޗަކީ އޭނާގެ ވެރިކަމަށްޓަކައި ނުވަތަ މަގާމުގެ ހައިސިއްޔަތަށްޓަކައި ލިބޭ ހަރާން އެއްޗެކެވެ.
ގަތަރުގެ އައުޤާފު މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގައި އަލްއިސްލާމް ވެބްގެ 311086 ނަންބަރު ފަތުވާގައިވެއެވެ.
"ޙަމްދު ހުރީ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކާލެގެފާނުގެ އާލުންނާއި އަޞްޙާބުންނަށެވެ. އެއަށްފަހު ދަންނައެވެ!
މަސައްކަތްތެރިންނާއި މުވައްޒަފުންނަށް އެބައިމީހުންގެ ވަޒީފާގެ ސަބަބުން ލިބޭ ހަދިޔާ ހަރާންވެގެންވުމާ ގުޅިގެން އެތަކެއް ސައްހަ ހަދީސެއް ވާރިދުވެގެން އައިސްފައިވެއެވެ. އަދި އެހަދީސްތަކުގައި ބަޔާންވެގެންވެއެވެ. އެ ތަކެއްޗަކީ އެބައިމީހުން އެ އަދާކުރާ ވަޒީފާތަކާ ގުޅިގެން ލިބޭ ތަކެއްޗެވެ. އެބައިމީހުން އެމީހުންގެ ގޭގައި ތިބޭ ނަމަ އެތަކެތި އެފަދައިން ހަދިޔާނުކުރެވޭނެއެވެ. ފަހެ މާތް ނަބިއްޔާގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އިތުރު އެކަލޭގެފާނު އަޒްދު ގަބީލާގެ މީހަކު ޒަކާތް ނެގުމުގައި ބޭނުންފުޅުކުރެއްވިއެވެ. އެމީހާ އައިސްފައި ދެންނެވިއެވެ. މިހުރީ ތިޔަބައިމީހުންނަށް ހުރި ބަޔެވެ. ދެން މިހުރީ ތިމަންނާއަށް ހަދިޔާކުރެވުނު ބައެވެ. ދެން މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. އޭނާ އޭނާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި އިށީނދެގެން އިނދެގެން އެތަކެތި އޭނާއަށް ހަދިޔާކުރޭތޯ ނޫންތޯ ބަލާފާހުށިކަމެވެ. މިއީ ބުޚާރީގެ ރިވާޔަތެކެވެ.
އަދި އަބޫދާވޫދު ބުރައިދާގެ ހަދީސްގައި ނަބިއްޔާގެ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އަހަރެމެން އެމީހަކާ މަސައްކަތެއް ހަވާލުކޮށްފައި، އެކަމަށް އޭނާއަށް އުޖޫރައެއް ކަނޑައަޅާފައިވަނިކޮށް، އޭގެ އިތުރަށް އޭނާ ނަގައިފި ކޮންމެ އެއްޗަކީ ހިޔާނާތެކެވެ."
ފަހެ މިއީ މަސައްކަތާ ގުޅިގެން މުސާރައިގެ އިތުރުން ލިބޭ ކޮންމެ ހަދިޔާއެއް ހަރާންވެގެންވާކަމުގެ ސާފު ދަލީލެކެވެ. އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. ވަޒީފާގެ ހަދިޔާ ހަރާންވެގެންވާކަން މި ހަދީސްއިން ބަޔާންވެގެންވެއެވެ. އަލްޚައްޠާބީގެ މަޢާލިމުއްސުނަންގައި އައިސްފައިވެއެވެ. މުވައްޒަފުންގެ ހަދިޔާތަކަކީ ހަރާން އެއްޗެއްކަން މި ހަދީސްގައި ބަޔާންވެގެންވެއެވެ. އަދި އެ އެފަދަ ހަދިޔާ ލިބޭ މަގަކީ އާންމު އެހެނިހެން ހުއްދަ ހަދިޔާ ލިބޭ މަގު ނޫންކަންވެސް ބަޔާންވެފައި އެވަނީއެވެ. އޭގެ ބަދަލުގައި މި ބާވަތުގެ ހަދިޔާ މި ލިބެނީ ހަދިޔާލިބޭ މީހާގެ ލޯބި ހޯދުމަށެވެ. ނުވަތަ ހަދިޔާ ދޭ މީހާއަށް ކަމެއް ލުއިކޮށް ދިނުމަށެވެ. އޭނާ ކުރަންޖެހޭ ބައެއް ކަންކަން ނުކޮށް ދޫކޮށްލުމަށެވެ. މިއީ ހިޔާނާތެކެވެ. އަދި އޭގެ އަހުލުންނަށް އަދާކޮށްދޭންޖެހޭ ހައްގު ވާޖިބާ ހިލާފުވުމެވެ.
މިބަޔާންވެދިޔަ އެންމެހާ ކަމަކަށް ބިނާކޮށް؛ ތިބާ އަދާކުރަމުންދާ ދައުލަތުގެ ވަޒީފާއިން ލިބޭ މުސާރައިގެ އިތުރުން އެހެން ފަރާތްތަކުން ލިބޭ ހަދިޔާ ގަބޫލުކުރުމަކީ ތިބާއަށް ހުއްދަވަގެންވާ ކަމެއް ނޫނެވެ. އެއީ އެ މުއާމަލާތެއްގެ ކުރިން ނުވަތަ ފަހުން ލިބޭ އެއްޗެއް ވިޔަސްމެއެވެ. އެހެނީ އެއެއްޗެއް ބެލެވެނީ ހަރާން ރިޝްވަތު ކަމުގައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ."
Comment