Advertisement

އައްބާސްގެ މާލީ ބަޔާނުގައި ވިޔަފާރީގެ އެއްވެސް ތަފްސީލެއް ނެތް!

4 ސެޕްޓެންބަރު 2025 - 16:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އައްބާސްގެ މާލީ ބަޔާނުގައި ވިޔަފާރީގެ އެއްވެސް ތަފްސީލެއް ނެތް!

4 ސެޕްޓެންބަރު 2025 - 16:58 0

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު، މުހައްމަދު އައްބާސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ވިޔަފާރީގެ އެއްވެސް ތަފްސީލެއް ހާމަނުކުރި އެވެ.

އައްބާސްގެ މާލީ ބަޔާނުގައި އޭނާއަށް މަޖިލީހުން މެއި 28، 2024، އިން ފެށިގެން މެއި 27، 2025، ގެ ނިޔަލަށް އާމްދަނީ ލިބުނީ ރައްޔިތުންގެ މަޖިލީހުގެ މުސާރައިގެ ގޮތުގައި ލިބުނު 927،532.11ރ. އެކަންޏެވެ.

އޭނާގެ މާލީ ބަޔާނުގައި އެއްވެސް ވިޔަފާރިއެއް ކުރާ ކަމަށް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާގެ ނަން މަތީގައި ބައެއް ކުންފުނިތައް އެބަހުއްޓެވެ. އޭގެއިތުރުން އޭނާގެ ޕާޓްނާޝިޕްގެ ދަށުގައި ވެސް ކުންފުނިތައް ރަޖިސްޓްރީކޮށް ދަނީ ހިންގަމުންނެވެ.

އައްބާސް ހިމެނޭ ކުންފުނިތަކާއި ކުންފުނި އުފެއްދި ތާރީހް:

  • ސައްބަ ބްރަދާސް - 2023 (ބޯޑް މެންބަރު އަދި ޝެއާހޯލްޑާ)
  • ސައްބަ ޓްރެވަލް އެންޑް ޓުއާސް - 2023 (ބޯޑް މެންބަރު އަދި ޝެއާހޯލްޑާ)
  • ސައްބަ ކޮންސްޓްރަކްޝަން - 2009 (މެނޭޖިން ޑިރެކްޓާ އަދި ޝެއާހޯލްޑާ)

އައްބާސްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާގެ ޖުމްލަ އަށް އެކައުންޓެއް އެބަހުއްޓެވެ. އެއީ ބީއެމްއެލްގެ ތިން އެކައުންޓާއި، ކޮމާޝަލް ބޭންކްގެ ދެ އެކައުންޓުގެ އިތުރުން އިސްލާމިކް ބޭންކްގެ ދެ އެކައުންޓެވެ.

އައްބާސްގެ އެކައުންޓުތަކުގައި ޖުމްލަ ހުރީ 4،015.85ރ. އާއި ތިން ޑޮލަރެވެ. އޭގެއިތުރުން އޭނާއަށް ބީއެމްއެލް އާއި ކޮމާޝަލް ބޭންކުން ދީފައިވާ ކްރެޑިޓް ކާޑު ބޭނުން ކުރަމުން އަންނަކަން ވެސް އެނގެ އެވެ.

އޭނާގެ ނަމުގައި ބީއެމްއެލްއިން މިދިޔަ އަހަރު 849،000ރ. ގެ ލޯނެއް އަދި އެމްއައިބީން 731340.38ރ. ގެ ލޯނެއް ވަނީ ނަގާފަ އެވެ. އެ ދެ ލޯނަށްވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާ އޭނާ ވަނީ އަހަރެއް ތެރޭގައި ދައްކާފައިކަން ފާހަގަކުރެވެ އެވެ.

މި ކަމާ ގުޅޭގޮތުން އައްބާސް ވިދާޅުވީ އޭނާގެ މާލީ ބަޔާނުގައި ވިޔަފާރީގެ މައުލޫމާތު ހިމެނިފައި ނުވަނީ މާލީ ބަޔާން ތައްޔާރުކުރި ލޯފާމުން އެކަން ނުކޮށް އޮތުމުން ކަމަށެވެ. އެއީ މަޖުބޫރުކަމެއް ކަމަށްވާނަމަ އެކަން ހިމަނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ހުށަހަޅަން ޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ، ގަވާއިދުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަން އަންގައި މަޖިލީހުގެ އަމީންއާންމު ނޯޓިހެއް ދޭން ޖެހޭނެ ކަމަށެވެ.

އެ މުއްދަތުގައި ވެސް އެކަން ނުކޮށްފި ނަމަ ދެން އަޅަން އޮންނަ ފިޔަވަޅަކީ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މާލީ ބަޔާން ހުށަނަޅާނާ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނެރުމެވެ. އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާތަކުގަ އާއި ކޮމިޓީތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން މަޖިލީހަށް ހުށަހެޅުމަށްފަހު ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.