Advertisement

ތިންވަނަ ކުއާޓަރު ނިމެންދާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނީ ބަޖެޓުކުރި އަދަދުގެ އެންމެ އަށް ޕަސެންޓު!

3 ސެޕްޓެންބަރު 2025 - 10:55 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އަދި ބޭރުގެ އެހީ ހޯދުމުގައި ރާއްޖޭގެ ފަރާތުން މަޝްވަރާ ކުރައްވާ އިސް ވަޒީރު ފޮރިން މިނިސްޓަރު ހަލީލް --- ފޮޓޯ: ރައީސް އޮފީސް


ތިންވަނަ ކުއާޓަރު ނިމެންދާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނީ ބަޖެޓުކުރި އަދަދުގެ އެންމެ އަށް ޕަސެންޓު!

3 ސެޕްޓެންބަރު 2025 - 10:55 0

މި އަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމެންދާއިރު އޭގެ ތެރެއިން ލިބިފައިވަނީ އެންމެ އަށް ޕަސެންޓުކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވަނީ އޮގަސްޓު 28، އާ ހަމައަށް ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ހިސާބުތަކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުން އެ ތާރީހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 203.1 މިލިއަނެވެ. މިއީ އަންދާޒާގެ 7.84 ޕަސެންޓެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ވެސް މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 371.1 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 168 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ބަޖެޓުގައި އަންދާޒާކުރި މިންވަރަށް މި އަހަރުގެ ތެރޭ ހިލޭ އެހީ ހޯދާ ނަމަ، މި ކުއާޓަރުގެ ބާކީ އޮތް ދުވަސްތަކާއި ފަހު ކުއާޓަރު ހިމެނޭހެން ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އެއީ މަހަކަށް 600 މިލިއަނެއްހާ ރުފިޔާ އެވެ.

މާލީ ހާލަތު ގޯސްވެފައިވާ މި ހާލަތުގައި، އަންދާޒާކުރި ވަރާ ގާތަށް ވެސް ހިލޭ އެހީ ނުލިބުން ވާނީ ލިބޭ އިތުރު މާލީ ގޮންޖެހުމަކަށެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށާއި އެހެނިހެން މަޝްރޫއުތަކަށް ވެސް ސަރުކާރުން ހިލޭ އެހީއަށް ބަރޯސާވެ އެވެ.

މާލީ ހިސާބުތަކުން އިތުރަށް ފާހަގަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަރަނި ދެއްކުމަށް ބޮޑު ހަރަދެއް ވަނީ ކޮށްފަ އެވެ.

އޮގަސްޓު 28، އާ ހަމައަށް ދަރަނި ދެއްކުމަށް ޖުމްލަ 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.3 ބިލިއަނުގެ އިތުރުވުމެކެވެ. ދަރަނި ދެއްކުމަށް ބަޖެޓު ކުރި ވަރަށް ވުރެ 76 މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު ބޮޑުވުމެވެ. އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބައިނަލްއަގުވަމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭންކިން ދަށްކޮށްފައިވާ މައިގަނޑު ސަބަބަކީ ވެސް މި ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވުމެވެ.