Advertisement

އެކި އަތޮޅުތަކަށް ދައުވަތު ދީގެން ބ. އަތޮޅު ކައުންސިލުން މާލޭގައި އިހުތިޖާޖުކުރަން ނިންމައިފި

2 ސެޕްޓެންބަރު 2025 - 14:43 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބ. އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން


އެކި އަތޮޅުތަކަށް ދައުވަތު ދީގެން ބ. އަތޮޅު ކައުންސިލުން މާލޭގައި އިހުތިޖާޖުކުރަން ނިންމައިފި

2 ސެޕްޓެންބަރު 2025 - 14:43 2

އަތޮޅު ކައުންސިލްތައް އުވާލަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާތީ، އެކަމާ ދެކޮޅަށް އަތޮޅުތަކަށް ދައުވަތުދީގެން ބ. އަތޮޅު ކައުންސިލުން އިހުތިޖާޖު ކުރުމަށް ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އެހެން އަތޮޅުތަކަށް ދައުވަތު ދީގެން އިހުތިޖާޖު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމީ މާލޭގެ މަގުތަކުގަ އެވެ.

އެ ޖަލްސާގައި ކައުންސިލުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ބަޔާނެއް ވެސް ނެރުމަށް ނިންމާފަ އެވެ.

މީގެއިތުރުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބ. އަތޮޅު ކައުންސިލުން އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް ޖަލްސާގައި ނިންމި އެވެ.

އަތޮޅު ކައުންސިލްތައް އުވާލަން މުއިއްޒު ނިންމެވީ "އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން" ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރުމުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަކީ މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ބާރުވެރިކުރުވާ ކަމެކެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރަށު ކައުންސިލްތަކަށް ވުޒާރާތަކާއި އެސްއޯއީތަކާ ސީދާ މުއާމަލާތް ކުރެވުމެވެ.

މިހާރު ވެސް ރަށު ކައުންސިލްތަކަށް އެކަމަށް ހުރަހެއް ނެތެވެ. ރަށު ކައުންސިލްތަކުން ކަމެއް ކުރަން، މިނިސްޓްރީއަކާ ވާހަކަ ދައްކަން އަތޮޅު ކައުންސިލްގެ ހުއްދައެއް ނަގަން ނުޖެހެ އެވެ. ނުވެސް ނަގަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ.

ޒަމާނުއްސުރެ އަތޮޅު އޮފީސްތައް އަދި އޭގެ ފަހުން އަތޮޅު ކައުންސިލްތަކަކީ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.