about 14 hours 0
ލީވާން އަލީ ނާސިރު
about 14 hours 0
ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.
މުޒާހަރާއިން ހައްޔަރުކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކެޓްރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުން ދޫކޮށްލަން ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ. މުޒާހަރާއިން ހައްޔަރުކުރީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެކްސް ގައި ވިދާޅުވީ މުހައްމަދު މުއިއްޒު ވީ ވައުދު ނުފުއްދައިގެން މަސްވެރިން އިހުތިޖާޖު ކުރުމުން، އޮޑިދޯނިފަހަރުގައި ތިބި މީހުން ހައްޔަރު ކުރުމުން ފެނިގެންދިޔައީ މި ސަރުކާރުގެ އަސްލުސިފަ ކަމަށެވެ.
"މި މަދަނީ ބަސްނޭހުން އިންތިޒާމްކުރި ފަރާތްތަކަށް އަނިޔާކޮށް ހިފާ ހައްޔަރު ކުރަމުން އެގިގެންދަނީ މިސަރުކާރުގެ އަސްލުސިފަ. ރައްޔަތުންނަށް ބިރުދައްކައިގެން ސަރުކާރެއް ނުހިންގޭނެ،" އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލައި ފައްޔާޒް އެކްސް ގައި ވިދާޅުވީ މަސްވެރިންނަށް ލިބިފައިވާ ހައްގުތަކުގެ ބޭނުން ހިފައި އިހުތިޖާޖު ކުރުމުން އަނިޔާވެރިކޮށް ހައްޔަރުކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
"ސަރުކާރުން މެނިފެސްޓޯގައި ލިޔުނު ވައުދު ނުފުއްދަންޏާ އެ ވައުދުތައް ފުއްދުމަށް ގޮވާލައި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ކޮންމެ މަސްވެރިޔަކަށްމެ ލިބިދީފައިވާ ހައްގެއް. އެ ހައްގުގެ ބޭނުންކުރަމުންދާ ފަރާތްތައް އަނިޔާވެރިކޮށް ހައްޔަރުކޮށް އިހުތިޖާޖަށް ހުރަސް އަޅައިގެން ނުވާނެ. އެ ކުރެވެނީ ގާނޫނީ ކުށެއް،" އޭނާ ވިދާޅުވި އެވެ.
މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯނިޔަކަށް ފުލުހުން މިއަދު ހެނދުނު އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް، މިހައިތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް އުޅުނު ހަތަރު ބިދޭސީންނެވެ. އޭގެއިތުރުން މުޒާހަރާގައި ބައިވެރިވާ ދެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އަދަދު އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފުލުހުން ދޯނިތަކަށް ފުލުހުން އަރައި އެމީހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންދަން ފެށީ ކޯޓު އަމުރެއް ވެސް ނުދައްކައި ކަމަށެވެ.
ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.
މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
Comment